05 Oct 2011, 17:07
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކާ ގުޅިގެން މީޑިއާ ކައުންސިލާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ]އޭސީސީ[ އިން މިއަދު ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ލިވިން އެލަވަންސް ނުނެގުމަށް އެ ކޮމިޝަނުން މީޑިއާ ކައުންސިލަށް އަންގާފައިވަނިކޮށް ލިވިން އެލަވަންސްގެ ގޮތުގައި ނުވަ ލައްކަ ރުފިޔާ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް މީޑީއާ ކައުންސިލުގެ މެންބަރުން ނަގާފައިވާ ކަމަށް މީޑިއާ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ މީޑިއާ ކައުންސިލާ ދެކޮޅަށް ދައުވާކުރަން ނިންމީ ކަމަށެވެ.
"މީޑިއާ ކައުންސިލްގެ މެންބަރުންގެ ލިވިން އެލަވަންސް ފައިސާ ނުނެގުމަށް އަޅުގަނޑުމެން އެންގި ނަމަވެސް އަޅުގަނޑުމެންގެ އެންގުމާ ޚިލާފަށް އެ ބޭފުޅުން ލިވިން އެލަވަންސް ނަގާފައިވާ ކަމަށް އޮޑިޓް ރިފޯޓުގައި ފާހަގަކޮށްފައިވާތީ އެކައުންސިލާ ]މީޑީއާ ކައުންސިލް[ ދެކޮޅަށް ދައުވާކުރަން ނިންމީ. މި މައްސަލައިގައި ޖިނާއި ކުށެއްގެ ދައުވާ ވެސް އަޅުގަނޑުމެން ކުރާނަން އެކަމަކު އެ ދައުވާ ]ޖިނާއީ[ ކުރާނީ އިތުރަށް ތަހުގީގުކުރުމަށް ފަހު،" ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ މިހާރު އެ ކޮމިޝަނުން ތައްޔާރުވަމުން އަންނަނީ އެ ކައުންސިލާ ދެކޮޅަށް މަދަނީ ދައުވާ ކުރުމަށް ކަމަށާއި އަދި ފަހުން ޖިނާއި މައްސަލައިގެ ދައުވާ ވެސް ކުރަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ޖިނާއީ މައްސަލައިގެ ދައުވާ ކުރަން ނިންމާފައި ވަނީ އިތުރަށް ތަހުގީގު ކުރުމަށް ފަހުގައި ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
އަދި ލިވިން އެލަވަންސަކީ ގާނޫނީ ގޮތުން އެ ކައުންސިލަށް ހުއްދަ އެއްޗެއް ނޫން ކަމަށާއި އެހެންކަމުން އެ އެލަވަންސް ފައިސާ މީޑިއާ ކައުންސިލްގެ މެންބަރުންނަށް ނުނެގޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބުރާހިމް ނެރުއްވި މީޑިއާ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެ ކައުންސިލްގެ މުސާރައިގެ އޮނިގަނޑަށް ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލަށް ފަހު، ރައީސްގެ މުސާރަ 8000ރ. އަށް ބޮޑުކޮށް، ނާއިބު ރައީސްގެ މުސާރަ 6500،ރ. އަށް ބޮޑުކޮށް، އަދި އާންމު މެންބަރުންގެ މުސާރަ 5000ރ. އަށް ބޮޑުކޮށްފައި ވަނިކޮށް، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ރައީސާ ނާއިބު ރައީސާ އަދި ކޮންމެ މެންބަރަކު މުސާރައިގެ އިތުރުން މަހަކު 7500ރ. ނަގާފައިވާ ކަމަށެވެ.
އެ ފައިސާ އެ ކައުންސިލްގެ މެންބަރުން ނަގަމުން ގެންގޮސްފައި ވަނީ އެ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފު ސޮއިކުރައްވައި މި އަހަރުގެ ޖެނުއަރީ 20ގައި ނެރެފައިވާ އިންޓަނަލް މެމޯއަކާ ގުޅިގެން ކަމަށް ވެސް އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.