ގާނޫނީ ވަކީލު މޫސާ ސިރާޖާއި ހިސާން ހުސައިން އަށް އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޓިކެޓު ކަށަވަރުވެއްޖެއެވެ.

މިއަދު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ސިރާޖު ވާދަކުރެއްވީ ލ. ފޮނަދޫ ދާއިރާއަށެވެ. އަދި ހިސާން ވާދަކުރެއްވީ ބ. ތުޅާދޫ ދާއިރާއަށެވެ. އެއީ ދެ ބޭފުޅުންވެސް ނިސްބަތްވެވަޑައިގަންނަވާ އަތޮޅެވެ.

ހިސާންއަކީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކުރެއްވިއެވެ. ހިސާން 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ބ. އޭދަފުށި ދާއިރާއަށްވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް އެ އިންތިހާބުން ހިސާން ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.

ލ. ފޮނަދޫއަށް ނިސްބަތްވާ، އަދި އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ކާމިޔާބުކުރެއްވި ސިރާޖުއަކީ އެމްޑީޕީ ލީގަލް ޓީމުގެ މެމްބަރެކެވެ. އެމްޑީޕީއާ ގުޅޭ މައްސަލަތަކުގައި އޭނާ ވަކާލާތުކުރައްވައެވެ.

އޭގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވަކީލެއްގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ ޗެއާމަން މުހައްމަދު ނަދީމުގެ ވަކީލެއްގެ ގޮތުގައިވެސް ސިރާޖު މަސައްކަތް ކުރެއްވިއެވެ.