18 Jan 2019, 23:39
މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން ބޭނުންވާ ފަރާތްތަކާއެކު ވާހަކަދައްކަން ތައްޔާރަށް ތިބި ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުނީމަ މިފަހަރުވެސް ޖޭޕީ މަގުމައްޗަށް އެއްލާލީ ކަމަށެވެ. އަދި ޖޭޕީއަށް މިޖެހުނީ މިފަހަރުވެސް ސަލާން ޖަހަންކަމަށް ގާސިމް ވިދާޅުވިއެވެ.
"މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖޭޕީ ތައްޔާރު ވެއްޖައިން" ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ގާސިމް މިރޭ ވަނީ އެހެން ޓްވީޓެއްވެސް ކުރައްވާފައެވެ. ޖޮއިންޓް ޕާލިމްންޓްރީ ގުރޫޕު ރޫޅާލަފާނެ ކަމަށް އެމްޑީޕީން ބުނުމުން ހައިރާން ނުވާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އެހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. އެމްޑީޕީ ޕީޖީ ގުރޫޕުން ބަޔާން ނެރުނުނީ ޖޭޕީގެ ޕީޖީގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހު ހުށަހެޅީ ރައީސްކަން ކޮށްފައިވާ މީހަކަށް މަޖިލީހުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށެވެ.
އެ އިސްލާހު ނެގުމާ ޖޭޕީން ބާރު އަޅައި ދިނުމަށް އެދި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ ޖޮއިންޓް ޕީޖީ ރޫޅާލާފާނެ ކަމަށް އެމްޑީޕީން ބުނީމަ ހައިރާން ނުވާ ކަމަށެވެ.
"ސުވާލަކީ މިހާރު އެބައޮތްހޭ؟ އިތުރަށް ރޫޅާލާކަށް. މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމާ އެއްބަސްވުމާއި ވައުދާ އަހުދާއި ހިލާފުވީ ނޫންތޯ.؟" ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ ޝަރުތުތަކުން ބޭރުން އިތުރު ޝަރުތުތައް ކަނޑައެޅުމަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފުކަމެއް ކަމަށެވެ.
އަދި އެއީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު މަސައްކަތްކުރުމަށް އޮންނަ އެންމެހައި އުސޫލުތަކާ ވެސް ހިލާފުކަމެއް ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ ބަޔާނުގައި ބުނެފައިވެއެވެ.