ވިހިހާސް ރުފިޔާގެ ކޮމިޓީ އެލަވަންސްގެ މައްސަލައިގައި މެންބަރުންނާ ދެކޮޅަށް މަގުމައްޗަށް ނުކުގެ ތަންތަނުގައި މެންބަރުންގެ ފޯނު ނަންބަރާއި ފޮޓޯ ހިއްޕައިގެން މެންބަރުންގެ އިއްޒަތާއި ކަރާމާތް ނަގާލަން މަސައްކަތް ކުރަނީ ސަރުކާރުގެ ތެރެއިން ދަލުބޭރުން ޖެހިގެން އުޅޭ ދެތިން މީހަކު އަޑީގައި ތިބެގެން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރު ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

ކޮމިޓީ އެލަވަންސްގެ މައްސަލައިގައި މަޖިލިސް މެންބަރުންނާ ދެކޮލަށް ބައެއް މަދަނީ ޖަމިއްޔާތަކުން ހިންހި ހަރަކާތްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި އިމްތިޔާޒުގެ މައްސަލައަށް ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ، 20000ރ.ގެ އެލަވަންސްގެ މައްސަލައިގައި ރައްޔިތުން ކަންބޮޑު ނުވާ ކަމަށެވެ.

"އެއްފޫޓަށް އަޅުގަނޑުގެ ފޯނު ނަންބަރު ޖަހާފައި ހުރި އިރު އެއްވެސް މީހަކު އެކަމާ ވާހަކަ ދައްކާފައެއްނުވޭ. އެކަމާ އުޅެނީ ސަރުކާރުގެ ތެރެއިން ދަލު ބޭރުން ޖެހިގެން އުޅޭ ދެތިން މީހަކު" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އޭނާ އިންތިހާބު ވެފައި ވަނީ ގާނޫނު އަސާސީން މުޅި ގައުމާ ޗެލެންޖްކޮށްގެން ކަމަށެވެ. އެހެންކަމުން ބަޔަކު ހިންގާ އެފަދަ އަމަލުތަކަށް ޖެހިލުންވެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ދޭ އިނާޔަތްތަކާއި ހިމާޔަތްތަކުގެ ބޭނުން ކުރައްވާނެ ކަމަށެވެ. އަދި އެ އިނާޔަތްތަކާއި ހިމާޔަތްތަކުގެ ބޭނުން ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަންގަވާފައިނުވާ ކަމަށާއި އެގޮތަށް އެމަނިކުފާނު އަންގަވައިފި ނަމަ އެތަކެތީގެ ބޭނުން ނުކުރައްވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ (މުހައްމަދު ނަޝީދު) ވިދާޅުވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް އިނާޔަތެއް އަދި ހިމާޔަތެއްގެ ބޭނުމެއް އަޅުގަނޑެއް ނުކުރާނަން. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް ބޭފުޅަކު އެކަމަކަށް ދެކޮޅެއް ނަހައްދަވާނެ. ނަމަވެސް އިނާޔަތްތަކާއި ހިމާޔަތް ނުނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅެއްނުވޭ،" މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ އިއްޒަތާއި ކަރާމާތް ބަޔަކު ގެއްލުވާލާ އިރު މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އަޅުއްވައިނުލައްވާ އިންނެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި މަޖިލީޙުގެ އިއްޒަތާއި ކަރާމާތް ރައްކާތެރި ކުރުމަކީ މަޖިލިސްގެ ރައީސްގެ ގާނޫނީ ވާޖިބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިމްތިޔާޒުގެ މައްސަލައިގެ ބަހުސް ކުރިއަށް ދިޔައިރު އެ މައްސަލައާ މެދު އެމްޑީޕީގެ މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ފާހަގަ ކުރެވުނެވެ. އެގޮތުން މައްޗަންގޯޅި އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބުދުﷲ އާއި ހުޅުމީދޫ ދާއިރާގެ އިލިޔާސް ލަބީބު ވާހަކަފުޅު ދެއްކެވީ އެ މައްސަލައާ ވަރަށް ބޮޑަށް އިދިކޮޅު ހައްދަވަމުންނެވެ. އެ މެންބަރުން ވިދާޅުވީ އެ މައްސަލައަކީ އިމްތިޔާޒުގެ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ މަޖިލީހަށް ކުރިމަތިލީ އިރު އެފަދަ މައްސަލަތައް ދިމާވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުން ނުކުމެ ފާޑު ކިއުމުން ހިތްހަމަ ނުޖެހިގެން އިމްތިޔާޒުގެ މައްސަލަ ވެއްދޭކަމަށް ވަންޏާ އެއީ ދެރަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލައަކީ އިމްތިޔާޒުގެ މައްސަލައެއް ކަމަށް ނުބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލިޔާސް ލަބީބު ވިދާޅުވީ އެ މައްސަލައަކީ ގާނޫނާ ހިލާފަށް މަޖިލީހަށް ހުށަހަޅުއްވައިގެންއުޅޭ މައްސަލައެއް ކަމަށާއި އެ މައްސަލައަކީ އިމްތިޔާޒުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ޖެހޭނީ މަޖިލީހުން ބޭރުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލައާ ދެކޮޅަށް އިލިޔާސް ލަބީބު ވާހަކަ ދައްކަވަން ފެއްޓެވުމުން ނިޒާމީ މައްސަލަ ނަންގަވައި ތިމަރަފުށީ މުސްތަފާ އަޑުގަދަ ކުރައްވައި އިލިޔާސް ލަބީބަށް ވަނީ ރައްދު ދެއްވައިފަ އެވެ.

މި މައްސަލައަށް ތާއީދު ކުރައްވައި، މަދަނީ ޖަމްއިއްޔާތަކުގެ ހަރަކާތްތައް ކުށްވެރިކުރައްވައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.
އަލީ ވަހީދު ވިދާޅުވީ މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހާ ދޭތެގޭގައި ރައްޔިތުން ދެކޭގޮތް ބަދަލު ކުރުމަށް ޓަކައި ވަރަށް ނުބައި ނުލަފާ ވިސްނުމެއްގެ ތެރެއިން ހުރިހާ ޕާޓިއަކަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ފެއިލްވެފައިތިބި ބަޔަކު ހިންގާ ވަރަށް ނުބައި ބޮޑު އުދުވާނެއް ކަމަށެވެ.

އަހްމަދު ރަޝީދު ވިދާޅުވީ، މަދަނީ ޖަމްއިއްޔާތަކުގެ ނަމުގައި ނުކުމެގެން އުޅޭ މީހުންނާ ބައްދަލު ކުރެއްވި ކަމަށާއި އެމީހުންގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ މީހުންގެ ތެރޭގައި ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ފެއިލްވެފައިވާ މީހުންނާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ މީހުން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީޙުން މަގާމެއް ލިބޭނީ މިހާރު ތިއްބެވި މެންބަރުންނާއި ރައްޔިތުންނާ ޖައްސައިގެންނެއްނޫން. އެތައް ޒަމާނެއް ވަންދެން ޖަމްއިއްޔާ ހަދައިގެން އުޅުނުއިރު ކުރެވުނީ ކޮންކަމެއްތޯ، އެހެން މީހުންގެ އަބުރާއި އިއްޒަތް ނަގާލުމަކީ ބަސް ބުނުމުގެ މިނިވަންކަމެއްނޫން. ޒާތީ މަސްލަހަތުގައި އަޅުގަނޑު ބިރުގަންނާނެ ބަޔަކު ވެސް ނުތިބޭނެ. އަޅުގަނޑު ލަދުގަންނާނެ ބަޔަކު ވެސް ނުތިބޭނެ ޖަމިއްޔާ ފެއިލްވީ ގޮތަށް އެމީހުންގެ މަސައްކަތްތައް ވެސް ވަނީ ފެއިލްވެފައި،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.

އެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އިދިކޮޅު ހުރިހާ މެންބަރުން ވަނީ މަދަނީ ޖަމްއިއްޔާތަކުން ކޮށްފައިޥާ ކަންތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.

އެ މެންބަރުން ވިދާޅުވީ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮތް ނަމަވެސް އެ ފަރާތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ އެ މިނިވަންކަމުގެ ދަށުން ނޫން ކަމަށެވެ. އަދި މެންބަރުން ފައިސާ ނުނަގަނީސް މެންބަރުންނަށް 20000ރ.ގެ އެލަވަންސް ލިބިއްޖެކަމަށް ބުނެ މާކުރިއްސުރެ ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލަމުން ގެންގޮސްފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

ވިލި މާފަންނު ދާއިރާގެ އަހްމަދު ނިހާނު ހުސެއިން މަނިކާއި ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ވިދާޅުވީ މަދަނީ ޖަމްއިއްޔާތަކުގެ ނަމުގައި މަސައްކަތް ކުރަމުންދާ މީހުންނާ ބައްދަލުކޮށް އެކަންތައް ސުލްހަވެރި ގޮތެއްގައި ގެންދިއުމަށް ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް އެމީހުންގެ މަގުސަދަކީ މުޅިން އެހެން މަގުސަދެއް ކަމަށާއި ސުލްހަވެރި ގޮތުގައި އެ މައްސަލައަށް ހައްލު ހޯދުމަށް އެމީހުން ބޭނުންވާކަން ވާހަކަތަކުން އެނގޭކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.