18 Jan 2019, 21:53
ހަނޯއި (ޖަނަވަރީ 18) : އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ދެވަނަ ސަމިޓް ބޭއްވުމުގެ ހުރިހާ ކަމެއް ފުރިހަމަކޮށްދޭން ތައްޔާރަށް އޮތްކަމަށް ވިއެޓްނާމުން ބުނެފިއެވެ.
ވިއެޓްނާމުގެ ބޮޑުވަޒީރު ނޮގްވީން ޚުވާން ބޯކް ވިދާޅުވީ ކިމް އާއި ޓްރަމްޕްގެ ސަމިޓް ހޮސްޓް ކުރުމަށް ވިއެޓްނާމް ތައްޔާރަށް އޮތްކަމާއި އެކަން އެދެގައުމާ ހިއްސާކޮށްފައިވާނެ ކަމުގައެވެ. އުތުރުކޮރެޔާގެ ނިއުކްލިޔަރ މައްސަލައާބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި އިތުރު ސަމިޓެއް ބޭއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާކަމަށް ކިމް އާއި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެދެބޭފުޅުންގެ ފުރަތަމަ ސަމިޓް ބާއްވާފައިވަނީ ސިންގަޕޫރުގައި މިދިޔަ ޖޫންމަހުގައެވެ. އުތުރުކޮރެޔާގެ ނިއުކްލިޔަރ މައްސަލާގައި އެމެރިކާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށްޓަކައި އުތުރުކޮރެޔާގެ އިސްވެރިއެއް ކަމަށްވާ ކިމް ޔޮންގް ޝޯލް ބުރާސްފަތ ދުވަހުވަނީ ވޮޝިންޓަނަށް ވަޑައިގެންފައެވެ. ޝޯލް އަކީ އުތުރުކޮރެޔާގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާގެ އިތުރުން އޭނާއަކީ އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންގެ އިތުބާރު ލިބިފައިވާ އަދި ކިމްގެ އަރިސް ބޭފުޅެކެވެ.
ޝޯލްވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާ މިއަދު ބައްދަލުކުރައްވާފައެވެ. އޭނާ އެމެރިކާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވަނީ ކިމް އާ ޓްރަމްޕްގެ ސަމިޓަށް ތައްޔާރުވުމާބެހޭ ގޮތުންކަމަށް ރިޕޯޓްތައް ބުނިނަމަވެސް އެމެރިކާއާއި އުތުރުކޮރެޔާއިން މިކަން ހާމަކޮށްފައެއް ނުވެއެވެ.
ކިމް ވަނީ ޓްރަމްޕާއެކު ބޭއްވި ފުރަތަމަ ސަމިޓްގައި ހައްލުނުކުރެވުނު ކަންކަން ދެވަނަ ސަމިޓްގައި ހައްލުކުރެވޭނެ ކަމުގެ އުންމީދު އޮތްކަމަށް ވިދާޅުވެ އޭނާ ދާދިދަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި ބަޔާނެއް ދެއްވާފައެވެ. އެމެރިކާއާއި އުތުރުކޮރެޔާ ފަށާފައިވާ އުތުރުކޮރެޔާގެ ނިއުކްލިޔަރ ވާހަކަތަކަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އުތުރުކޮރެޔާއިން އެއްބަސްވެ ބައެއް ދޫތައް ދިންނަމަވެސް އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ކުޑަވެސް ލުއެއްދިނުމަށް އެމެރިކާ ދެކޮޅުހަދާ މައްސަލައެވެ.
މިމައްސަލާގައި އުތުރުކޮރެޔާގެ ޒައީމްވަނީ އެގއުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން އެމެރިކާ ދެކޮޅު ހަދާނަމަ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމުގެ މައްސަލާގައި އެގައުމުން ގެންގުޅޭ ދޫދިނުމުގެ ސިޔާސަތު ބަދަލުކުރަންޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ނުކުރާނެކަމާ އަދި އެގައުމަށް އިސްވެ ހަމަލާ ނުދޭނެ ކަމުގެ ގެރެންޓީ އެމެރިކާގެ ފަރާތުން ނުލިބެނީސް ނިއުކްލިޔަރ ހަތިޔާރާއި ބަލިސްޓިކް މިސައިލްތައް ނައްތާލުމުގެ އަމަލީ މަސައްކަތް ނުފަށާނެ ކަމަށްވެސް އުތުރުކޮރެޔާގެ ޒައީމްވަނީ ވިދާޅުވެފައެވެ. (ރޮއިޓާސް)