އިނގިރޭސި ރާނީ އެލިޒަބަތު 2ގެ ފިރިކަލުން ޕްރިންސް ފިލިޕް އިންނެވި ކާރުކޮޅު އެކްސިޑެންޓް ވެއްޖެއެވެ. އެކްސިޑެންޓު ހިނގީ އިއްޔެގެ ވަގުތެއްގައެވެ.

އުމުރުން 97 އަހަރުފުޅުގެ ޕްރިންސް ފިލިޕް އިންނެވި ކާރުކޮޅު އެކްސިޑެންޓު ވީ ނަމަވެސް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގެން އެމަނިކުފަނު ސަލާމަތްވެ ވަޑައިގެންފައިވާކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް ކާރަށް ބޮޑެތި ގެއްލުން ވެފައިވާކަން، އާންމުވެފައިވާ ފޮޓޯތަކުން ފެންނަން އެބަހުއްޓެވެ.

އެކްސިޑެންޓް ހިނގީ ސޭންޑްރިންހަމް އެސްޓޭޓުގެ މަގެއް ގައެވެ. އެކްސިޑެންޓު ހިނގިއިރު ކާރު ދުއްވަން އިންނެވީ ޕްރިންސް ފިލިޕްއެވެ. އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހިގެންނެވެ.

އަނެއް ކާރުގެ ޑްރައިވަރަށާއި އޭގައި އިން ފަސިންޖަރަށް ކުދި އަނިޔާވެފައިވާއިރު، އުމުރުން 97 އަހަރުފުޅުގެ ޕްރިންސް ފިލިޕް ގިނިކަންޏާ ކާރު ކޮޅު ދުއްވުމަކީ އެންމެ ރައްކާތެރިގޮތްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އިނގިރޭސި ގާނޫނުތައް ބުނާގޮތުން އުމުރުން 70 އަހަރުން މަތީގެ ކޮންމެ މީހަކުވެސް ކޮންމެ ތިން އަހަރަކުން ޑްރައިވިން ލައިސަންސް އާކުރަންޖެހެއެވެ. ޕްރިންސް ފިލިޕްގެ އަތްޕުޅުގައި ލައިސަންސް އޮތްކަމަށާއި، އެމަނިކުފާނު އެއްވެސް ގާނޫނަކާ ހިލާފުވެ ވަޑައިގެންފައިނުވާކަމަށް ގަނޑުވަރުތެރޭގެ އަރިސް މީހަކާ ހަވާލާދީ ބޭރުގެ ހަބަރުތައް ބުނެއެވެ.