05 Oct 2011, 16:05
މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޑުން މަޖުބޫރު ހާލަތެއްގައި ނޫނީ ނުފެންނަ ބަލްގޭރިޔާ ފޯވާޑް ޑިމިޓާ ބާބަޓޯވް އެކުލަބުގައި ހުރީ އުފަލުގައި ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 30 އަހަރުގެ ފޯވާޑް ބާބަޓޯވް، މިދިޔަ ސީޒަން ނިންމާލީ ޕްރެމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ހުރެ އެވެ. އެހެން ނަމަވެސް، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ބާސެލޯނާ އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ބައިވެރި ކުރުވާފައެއް ނުވެ އެވެ.
މިސީޒަނުގައި މެން ޔުނައިޓެޑްގެ ފޯވާޑް ލައިނުން އާންމު ގޮތެއްގައި ފެންނަމުންދަނީ އިނގިރޭސި ފޯވާޑް ވޭން ރޫނީ އާއި މެކްސިކޯ ފޯވާޑް ހާވިއާ ހެނާންޑޭޒް އެވެ. އެޓީމުގައި ހިމެނޭ އިނގިރޭސި ޒުވާން ފޯވާޑް ޑެނީ ވެލްބެކް އަށް ވެސް ބާބަޓޯވް އަށް ވުރެ ގިނައިން ކުޅުމުގެ ފުރުސަތު ލިބިފައިވެ އެވެ.
ބާބަޓޯވް އަށް ސްޕެއިންގެ ވެލެންސިއާ ނޫނީ ފްރާންސްގެ ޕެރިސް ސެންޓް ޖާމެން އަށް އަންނަ ޖެނުއަރީގައި ބަދަލުވުމުގެ ފުރުސަތު ލިބިފައިވެ އެވެ. އެ ދެކުލަބުން ވެސް ބާބަޓޯވް އަށް ބާރަ މިލިއަން ޕައުންޑުގެ އަގެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އޭނާ ބުނަމުންދާ ގޮތުގައި، މެން ޔުނައިޓެޑުގައި ހުރީ އުފަލުން ކަމަށާއި އެކުލަބާއެކު އިތުރު ތަށިތަކެއް ހިތްލާލުމަށް ބޭނުންވާ ކަމެވެ.
"އަހަރެން ކުލަބުގައި މިހިރީ އުފަލުގައި. އަހަރެންގެ އާއިލާ ހުރީ މިކޮޅުގައި. ގިނަ ބަޔަކު މިކޮޅުގެ މޫސުމާއި ބެހޭގޮތުން ވާހަކަ ދައްކާ ހަދާ. އެކަމަކު އަހަރެންނަށް މިއީ ވަރަށް ފަސޭހަ މާހައުލެއް. އަހަރެން މިކުޅެނީ އަހަރެން ލޯބި ކުރާ އަދި އެންމެ ބޮޑު ކުލަބަށް. އެކަމާއި އަހަރެން އުފާކުރަން." ބާބަޓޯވް ބުންޏެވެ.
ބާބަޓޯވް އަކީ ދެއަހަރު ދަވަހު ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުމަށްފަހު 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 30.75 މިލިޔަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ކުޅުންތެރިއެކެވެ. ބާބަޓޯވް ވަނީ މެންޔުނައިޓެޑަށް ކުޅުނު 99 މެޗުން 41 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.