އއ. ތޮއްޑޫ ގޮއިބިމުން ބިން ދޫކުރުން މަޑުޖައްސާލުމަށް އެރަށު މެޖިސްޓްރޭޓުކޯޓުން ހުކުމްކޮށްފިއެވެ.

ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ ދަނޑުވެރިކަން ކުރުމަށް ތޮއްޑޫ އިން ނީލަމުގެ އުސޫލުން ދޫކޮށްފައިވާ ބިމަށް ފައިސާ ނުދައްކާ މީހުންނަށް އަލުން ބިން ދޫނުކުރަން އެރަށު ކައުންސިލުން ނިންމުމާ ގުޅިގެން ތޮއްޑޫގެ ދަނޑުވެރިޔަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ކައުންސިލުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ބިމަށް ފައިސާ ނުދައްކާ މީހުންނަށާއި އެމީހުންގެ 18 އަހަރު ނުފުރޭ ކުދިންނަށް ކުރިއަށް އޮތް ފަސް އަހަރު ވަންދެން ގޮއިބިމުން ދަނޑުވެރިކަމަށް ބިން ދޫ ނުކުރުމަށެވެ.

އެރަށުން ސަން އާ ވާހަކަ ދެއްކި މީހަކު ބުނީ ކައުންސިލުގެ ނިންމުމަކީ ތޮއްޑޫގެ ގޮއިބިމުން ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުސޫލާ ތައާރުޒުވާ ނިންމުމެއް ކަމަކަށްވާތީ، އަމިއްލަ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި ތޮއްޑޫ ކޯޓުން ނިންމާފައިވަނީ އެ މައްސަލައަކީ ވަގުތީ އަމުރެއް ނެރެވިދާނެފަދަ ސަބަބުތައް ހުރި މައްސަލައެއް ކަމަށާއި ވަގުތީ އަމުރެއް ނެރެނުދީފިނަމަ އެކަމުގެ ސަބަބުން އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ދައުވާ ކުރާ ފަރާތަށް ލިބިދާނެ ކަމަށް ފެންނާތީ ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން ތޮއްޑޫ ގޮއިބިމުން ދޫކުރުމަށް މިހާރު އިއުލާންކޮށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑުބިންތައް ދޫކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ކައުންސިލްގެ މައްޗަށް އަމުރު ކުރާކަމަށެވެ.

ތޮއްޑޫ އަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކަށްވާއިރު ގޮއިބިމުގެ ކުލި ނުދައްކާ ފަރާތްތަކުގެ ނަންތައް ކައުންސިލުން ވަނީ އާންމުކޮށްފައެވެ.