05 Oct 2011, 15:54
މިސީޒަނުގެ ޕްރެމިއާ ލީގުގައި މެންޗެސްޓާ ސިޓީއިން ދައްކަމުން އަންނަ ރަނގަޅު ކުޅުމަކީ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ސާ އެލެކްސް ފާގަސަން އަށް ހައިރާންކުރުވާ ކަމެއް ނޫން ކަމަށް އޭނާ ބުނެފި އެވެ.
ޕްރެމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެންމެ މަތީގައި ނަވާރަ ޕޮއިންޓާއެކު މެންޗެސްޓާ އަށް ނިސްބަތްވާ ދެކުލަބު އުޅޭއިރު، ދެ ކުލަބު ވެސް ހަ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެފައިވެ އެވެ. މެންޔުނައިޓެޑް އެއްވަނާގައި އޮތީ އެންމެ ގޯލެއްގެ ތަފާތުންނެވެ.
މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގުގައި މެންސިޓީ ތިންވަނާގައި އޮތްއިރު، އެޓީމަށްވުރެ ނުވަ ޕޮއިންޓް ކުރީގައި އޮވެ މެންޔުނައިޓެޑުން ތަށި ހިތްލައިލީ މާބޮޑު ވާދަވެރި ކަމެއް ނެތި އެވެ. ނަމަވެސް މިސީޒަނުގައި ބޮޑު އަގުތަކެއް ހޭދަކުރުމަށް ފަހު ގެނައި ސާޖިއޯ އަގުއެރޯ އާއި ސާމިރު ނަސްރީ މެންސިޓީއަށް ގެނައުމަށް ފަހު ޓީމުގެ ކުޅުމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެ އެވެ.
"އަހަރެން ކުރިން ވެސް ބުނިން މިހެން ވާނެޔޭ. ސިޓީ އަކީ މޮޅު ޓީމެއް އަދި އެމީހުން އިތުރަށް ކުރިއަރަން ވެސް ބޭނުންވޭ. ސާޖިއޯ އަގުއެރޯ އައުމުން އެޓީމަށް ބޮޑު ބަދަލެއް އައި. އޭނާއަކީ ޕެނަލްޓީ އޭރިޔާ ތެރޭގައި ނުރައްކާތެރި ކުޅުންތެރިއެއް. ޑޭވިޑް ސިލްވާ އަކީ ވެސް މޮޅު ކުޅުންތެރިއެއް. އަހަރެމެން ދެން ބަލަންޖެހޭނީ ސިޓީ އާއި ދެކޮޅަށް ނުކުންނަ އިރު ފުރިހަމައަށް ތައްޔާރު ވެވޭތޯ." މެންޔުނައިޓެޑްގެ ކޯޗު ފާގަސަން ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުރުމަށް ހަމަޖެހިފައިވަނީ މިމަހު 23 ވަނަ ދުވަހު އެވެ. މިމެޗު ވެގެންދާނީ ލީގު ވެގެންދާނީ ދެ މެންޗެސްޓާ ކުލަބުގެ ފެންވަރު އެނގިގެންދާނެ މެޗަކަށެވެ.