05 Oct 2011, 15:50
މިސީޒަނުގައި ޓޮޓެންހަމް ހޮޓްސްޕާގެ ޓީމުން ޖާގަ ނުލިބޭ ގޯލު ކީޕަރު ހުރޭޅިއޯ ގޮމޭސް، އަންނަ ޖެނުއަރީގައި ޓްރާންސްފާ މުއްދަތުގެ ތެރޭގައި އެކުލަބު ދޫކޮށް ދިއުން ވަރަށް ގާތް ކަމަށް ޓޮޓެންހަމްގެ ކުރީގެ ކީޕަރު އައާން ވޯކާ ބުނެފި އެވެ.
މިދިޔަ ސީޒަނާއި ޖެހެންދެން ޓޮޓެންހަމްގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި ފެނުން ގޮމޭސް މިހާރު ވެފައިވަނީ އެކުލަބުގެ ތިންވަނަ ކީޕަރަށެވެ. އެއްވަނަ ކީޕަރުގެ ގޮތުގައި އެސްޓަން ވިލާއިން ޓޮޓެންހަމް އަށް ގެނައި ބްރޭޑް ފްރޭޑަލް އުޅޭއިރު، ދެވަނާގައި އުޅެނީ މީގެ އެއް އަހަރު ކުރިން ޗެލްސީގެ ބަދަލު ކީޕަރެއްގެ ގޮތުގައި ހަރަކާތްތެރިވި ކާލް ކުޑިޗިނީ އެވެ. ޓޮޓެންހަމް ޓީމުން ޖާގައެއް ހޯދުމަށް ގޮމޭސް އަށް އުނދަގޫ ވެފައިވާ ކަމަށް ވޯކާ ގަބޫލުކުރެ އެވެ.
"ގޮމޭސް އަށް ކޮންމެ ގޮތެއް ވިޔަސް ޓީމުން ޖާގަ ހޯދުމަށް އުނދަގޫ ވާނެ. ކީޕަރު ފްރޭޑަލް ވެސް އޭނާގެ އެންމެ މޮޅު ކުޅުން ދެއްކޭތޯ ބަލާނީ. ފްރޭޑަލް އަނިޔާ ވެގެން ނޫން ގޮތަކަށް ގޮމޭސް އަށް ޖާގައެއް ނެތް. އަހަރެން މިއީ ގޮމޭސް ނަމަ، މިހާރުއްސުރެ މަސައްކަތްކުރާނީ ޓީމު ބަދަލުކުރުމަށް. ގޮމޭސް އަކީ މޮޅު ކީޕަރެއް ކަމަށް އަހަރެން ގަބޫލުކުރަން." ޓޮޓެންހަމްގެ ކުރީގެ ކީޕަރެއް ކަމަށްވާ ވޯކާ ބުންޏެވެ.
ފަސް ސީޒަނެއްގައި ޓޮޓެންހަމްގެ ގޯލު ބަހައްޓާފައިވާ ވޯކާ ގަބޫލުކުރާ ގޮތުގައި، އެއް ފެންވަރެއްގެ ތިން ގޯލު ކީޕަރެއް އުފަލުގައި ބެހެއްޓުމަކީ ޓޮޓެންހަމްގެ ކޯޗު ހެރީ ރެޑްނެޕް އަށް އުނދަގޫ ވެގެންދާނެ ކަމައް ކަމަށެވެ.
"އެއް ފެންވަރެއްގެ ތިން މޮޅު ގޯލު ކީޕަރުން ގެންގުޅުމަކީ އުނދަގޫ ތަކަކާއި ކުރިމަތިވާނެ ކަމެއް. ގިނަ މުބާރާތްތަކަކާއި މެޗުތަކެއް ކުރިއަށް އޮތް ކަމުގައި ވިޔަސް، ގޯލު ކީޕަރުގެ މަގާމަކީ އެއް ނަންބަރު ކީޕަރުގެ ފޯމު ގެއްލި ނުވަތަ އަނިޔާއެއް ވުމުން ނޫނީ ބަދަލު ވެގެން ނުދާނެ މަގާމެއް." ވޯކާ ބުންޏެވެ.
ޓޮޓެންހަމްގެ މިހާރުގެ އެއް ނަންބަރު ކީޕަރު ޕްރެމިއާ ލީގުގެ ހުރިހާ މެޗެއްގައި ބައިވެރި ވެފައި ވާއިރު، ގޮމޭސް ފެނިފައިވަނީ ޔޫރަޕާ ލީގުގެ މެޗެއްގަ އާއި ކާލިންގް ކަޕް މެޗެއްގަ އެވެ.