17 Jan 2019, 14:24
ރާއްޖޭގެ ކޮންމެ ރަށެއްގައި މޫދަށް އެރުމަށް ރައްކާތެރި ޚާއްސަ ސަރަހައްދެއް ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މައްސަކަތްތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮންމެ ރަށެށްގައި މޫދަށް އެރި، ފެތުމަށް ހާއްސަ ސަރަހަދެއް ކަނޑައެޅުމަށް ރަށު ކައުންސިލްތަކާ އެކު މަސައްކަތް ކުރައްވަން ނިންމާފައިވާ ކަމަށެވެ.
"ކޮންމެ ރަށެއްގައި ފެތުމަށް ރައްކާތެރި ސަރަހައްދެއް ކަނޑައެޅުމަށް ޓަކައި ރަށު ކައުންސިލްތަކާ އެކު މަސައްކަތް ކުރުމަށް ވަނީ ނިންމާފައި،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން
މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ރީތިކަމާ އެއްވަރަށް ސަލާމަތީ ގޮތުން ވެސް ރައްކާތެރި މަންޒިލަކަށް ހެދުން ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ދިވެހި ރާއްޖެއަކީ، ރާއްޖޭގެ ރީތި ކަމާ އެއްވަރަށް ސަލާމަތީ ގޮތުން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތްތަކާ އެކު މަސައްކަތް ކުރުން،" އަލީ ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގައި ބައެއް ރަށްތަކާއި އަދި ރިސޯޓުތަކުގައި މޫދަށް އެރި އުޅެނިކޮށް ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގައިފަ އެވެ. އަދި ބައެއް ހާދިސާ ތަކުގައި މީހުން މަރުވެފައި ވެސް އެބަ ހުއްޓެވެ.