އައްޑޫ އާއި ފުވައްމުލަކުގައި ނޮވެމްބަރު މަހު އޮންނަ 17 ވަނަ ސާކްސަމިޓާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޓްވެންޓީ- ޓްވެންޓީ" ކުރިކެޓް މުބާރާތުގައި ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަވަށްޓެރި ފަސް ޤައުމަކުން ދީފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިތުރުން ރާއްޖޭގެ ކްރިކެޓް ބޯޑުގެ އެއްބާރުލުމާއެކު ބާއްވަން ނިންމާފައިވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެކަކުން ނުވަޔަކަށް ފުވައްމުލަކުގައި މިހާރު ހަދަން ފަށާފައިވާ ކްރިކެޓް ސްޓޭޑިއަމްގަ އެވެ.

މުބާރާތުގައި ބައިވެރިވަނީ ސާކް ޤައުމުތަކުގެ 25 އަހަރުން ދަށުގެ ޓީމްތައް ކަމަށްވާއިރު، ރާއްޖޭގެ ކްރިކެޓްބޯޑުގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ފައިސަލް މިއަދު ވިދާޅުވީ، ރައްޖޭގެ އިތުރުން މުބާރާތުގައި ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީން ހަވައްޓެރި ފަސް ޤައުމަކުން މިހާރު ދީފައިވާ ކަމަށެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާނެ ޔަގީންކަން އެންމެ ފަހުން އަވައްޓެރި ބަގްލަދޭޝްއިން ދީފައި ވާއިރު، މުބާރާތުގައި ބައިވެރިވާނެ ކަން އަދި ޔަގީންކޮށްދީފައި ނުވާ ދެ ޤައުމަކީ އަފްޤާނިސްތާނާއި ނޭޕާލެވެ.

ރާއްޖޭގެ އިތުރުން މުބާރާތުގައި ބައިވެރިވާ ފަސް ޤައުމަކީ އިންޑިޔާ، ސްރީލަންކާ، ބޫޓާން، ޕާކިސްތާން އަދި ބަގްލަދޭޝްއެވެ.

"މުބާރާތް ސީދާ ރާވަނީ ހަމަ ސަރުކާރުން. މުބާރާތް އިންތިޒާމް ކުރުމުގެ ހުރިހާ ކަމެއް ކުރަނީ ކްރިކެޓް ބޯޑުން. ޖުމްލަ ހަ ޓީމެއް މުބާރާތުގައި މިހާރު ވާދަކުރާނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފަ. އެންމެ ފަހުން ބައިވެރިވީ ބަގްލަދޭސް. ބައިވެރިނުވެ އޮތީ ދެ ޓީމް. އެ ދެޓީމް އަދި ބައިވެރިވާނެ ކަން ނުވަތަ ނުވާނެކަން ޔަގީން ކޮށްދީފައެއް ނުވެ." ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، މިވަގުތު ބައިވެރިވެފައި ތިބި ހަ ޤައުމުގެ މެދުގައި ވެސް މުބާރާތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މުބާރާތް ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"މުބާރާތް ކުރިއަށްދާނެ. މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެން. މިހާރު އޮތް ގޮތުން ހަ ޓީމް ވެއްޖެއިއްޔާ ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާނީ. "

ފައިސަލް ވިދާޅުވީ، ކޮންމެ ޓީމެއްގައި ވެސް ކުޅުންތެރިންނާ، އޮފިސަލުން ނާއެކު ޖުމްލަ 17 މީހުން ހިމެނޭ ކަމަށެވެ. އަދި ޓީމްތަކުގެ ހުރުމާ ކެއުމުގެ ކަންތައްތައް ހަމަޖެހިފައި ވަނީ ހެރެތެރެ ރިސޯތުގަ އެވެ.

"ޓީމެއްގައި ތިބޭނީ 14 ކުޅުންތެރިންނާއި ތިން އޮފިޝަލުން. ޓީމްތައް ރިސޯޓުގައި ތިބުމުގެ ހަރަދުތައް ކުރަނީ ސަރުކާރުން. " ފައިސަލް ވިދާޅުވި އެވެ.

ފުވަމުލަކުގައި ހަދާ ކްރިކެޓް ސްޓޭޑިއަމްއަށް ދިވެހި ސަރުކާރުގެ ބަޖެޓުން 2.8 މިލިޔަން ރުފިޔާ ހަރަދުކުރަމުން އަންނައިރު، ސްޓޭޑިއަމްގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައި ކަމަށް ވެސް ކުރިކެޓް ބޯޑުން ބުނެ އެވެ.

މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި އަލަށް ބާއްވާއިރު، ދެކުނު އޭޝިއާ ސަރަހައްދުގައި ދުނިޔޭގެ ކްރިކެޓުގެ ބޮޑެތި ބާރުތައް ކަމަށްވާ އިންޑިޔާ އާއި ލަންކާ އަދި ޕާކިސްތާނުން ވަނީ މީގެކުރިން ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ އަދި ބަންގްލަދޭޝް އަކީ ވެސް ޓެސްޓް ކްރިކެޓުގައި ކުރިއަރަމުން އަންނަ ގައުމެކެވެ. އެހެން ނަމަވެސް މުބާރާތައް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމްގެ ފަރިތަކުރުންތައް ވެސް ހުސްވި ހަފުތާގައި ފަށާފައިވާއިރު، ޓީމްގެ ފަރިތަކުރުންތައް ކުރިއަށް ދާނީ މާލޭގަ އެވެ.