ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ 20،000ރ.ގެ ކޮމިޓީ އެލަވަންސް ދިނުމަށް ފިނޭންސުން އިއްޔެ ދޫކުރި ބަޖެޓު މިއަދު ކެންސަލްކުރުމާ ގުޅިގެން، މެމްބަރުންނަށް އެލަވަންސް ދޫކުރުމުގެ މަސައްކަތް މަޖިލީހުގެ އިދާރާ އިން މެދުކަނޑާލައިފި އެވެ.

މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު ވިދާޅުވީ، އިއްޔެ ފިނޭންސުން ދޫކުރި ބަޖެޓް ކެންސަލްކުރެވިފައިވާ ކަމަށް ބުނެ ފިނޭންސުން މިއަދު މަޖިލީހުގެ އިދާރާ އަށް ފެކްސްއެއް ފޮނުވާފައިވާ ކަމަށެވެ. ކެންސަލް ކުރި ސަބަބެއް ފިނޭންސުން ނާންގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިއްޔެ ފޮނުވި ބަޖެޓް ކޮންޓްރޯލް ފޯމްގައި ކެންސެލްކުރެވިފައިއޭ ލިޔެފައި، އަޅުގަނޑުމެންނަށް ފިނޭންސް އިން ފެކްސް މިއަދު މިފޮނުވީ" އަމީން އާއްމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިއްޔެ ފިނޭންސުން ދޫކުރީ 17 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ފާއިތުވި ހަތް މަސް ދުވަހާއި އަދި މިއަހަރުގެ ބާކީ އޮތް މުއްދަތުގައި މަޖިލީހުގެ މެމްބަރުންގެ އެލަވަންސަށްވާ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީން މިދިޔަ އޯގަސްޓް މަހު ނިންމާފައި ވަނީ ކޮމިޓީ ބައްދަލުވުންތަކުގެ ހާޒިރީ 75 ޕަސަންޓަށް އަރާ ކޮންމެ މެމްބަރަކަށް އެމަހުން ފެށިގެން 20،000ރ. ދިނުމަށާއި އަދި މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ އެލަވަންސަށްވާ 140،000ރ. ގަނޑުކޮށް ކޮންމެ މެމްބަރަކަށް ދޫކުރުމަށެވެ.

އިއްޔެ ބަޖެޓް ލިބުމާ އެކު މެމްބަރުންނަށް އެ އެލަވަންސް ޖަމާކޮށްދިނުމުގެ މަސައްކަތް ފެށި ނަމަވެސް މިހާރު އެ މަސައްކަތް ވަނީ މެދުކަނޑާލައިފަ ކަމަށާއި އެއްވެސް މެމްބަރަކަށް އަދި މިހާތަނަށް އެލަވަންސް ޖަމާކޮށްދީފައިނުވާ ކަމަށް އަމީން އާއްމު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެލަވަންސް ދޫކުރުމުގެ މަސައްކަތް ހުއްޓާލައިފިން މިހާރު،" އަމީން އާއްމު ވިދާޅުވި އެވެ.

މަޖިލީހުގެ 77 މެމްބަރުންގެ ތެރެއިން އެލަވަންސް ނުނަންގަވާނެ ކަމަށް އަންގާފައި ވަނީ 20 މެމްބަރުން ކަމަށާއި އޭގެ ތެރެއިން ވެސް ބައެއް މެމްބަރުން އެލަވަންސް ބޭނުންވެވަޑައިގަންނަވާ ކަމަށް މިހާރު އަންގާފައިވާ ކަމަށް އަހްމަދު ވިދާޅުވި އެވެ.

ކޮމިޓީ އެލަވަންސް އިއްޔެ ފިނޭންސުން ދޫކޮށްފައި ވަނީ، އެ އެލަވަންސް ބާތިލުކޮށްދިނުމަށް އެދި ސިވިލް ސާވަންޓެއްގެ ނަމުގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، އެކޯޓުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ކޮމިޓީ އެލަވަންސް ދޫނުކުރެވޭނެ ކަމަށް އެ ކޯޓުން ފިނޭންސުގެ މައްޗަށް އަމުރު ނެރެފައިވަނިކޮށެވެ.