ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނުގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.

ސުއޫދު ޖޭއެސްއީ އަށް ހާޒިރުވާން އަންގާފައި ވަނީ އާދިއްތަ ދުވަހުގެ ދޭއް ޖަހާއިރަށެވެ. އެކަން ސުއޫދު ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ސުއޫދު ހާޒިރު ކުރަނީ ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުވައި ދެއްކެވި ވަހަކަތަކާ ގުޅިގެންކަން އެނގިފައިވެ އެވެ.

އެވާހަތަކާ ގުޅިގެން މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. އެ ކޮމިޓީ ޗެއާ ކުރައްވަނީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ.

ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ސުއޫދު ވިދާޅުވީ، ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާހިމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވުނު ކަމަށެވެ.

"ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުގެ މައްޗަށް ފޯރާފައި އެބަ ހުރި. ހެކިން ހާޒިރު ކޮށްފައި ތިއްބާ ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަ ހުރި. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަ ހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައި އެބަ ހުރި،"

އޭނާ ވިދާޅުވީ، "ގޭންގު"ތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކި ވަކި "ގޭންގު"ތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ބައެއް މަރުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލަތަކުގައި ޝާމިލުވާ "ގޭންގު"ތަކުން ސުލްހައިގެ އެއްބަސްވުންތައް ހަދައި، ހެކިތަކަށް ބަދަލު ގެންނަ ކަމަށެވެ.

"ހަގީގަތުގައި ޝަރުއީ މަރުހަލާ އެބިއުޒް އެ ކުރެވެނީ. އޮބްސްޓްރަކްޝަން އޮފް ޖަސްޓިސް އެއްގޮތަކުން ބަލަންޏާ އެއީ،" ސުއޫދު ވިދާޅުވިއެވެ.