މިމަހުގެ ދަވަނަ ދުވަހުން ފެށިގެން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަން ފަށާއިރު އިމްޕޯޓް ޑިއުޓީ ކަނޑާލާނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް، ގިނަ މުދަލުން ޑިއުޓީ ދައްކަން ނުޖެހޭނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ދިރާގުގެ ހިއްސާގެ ބަޔާން އާންމު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވިޔަފާރިވެރިން ގެންނަ މުދަލުން ފަސް ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ ޑިއުޓީ ނެގުމަކީ ވިޔަފާރީގެ ކޭޝް ފްލޯއަށް ވަރަށް ބޮޑަށް ގެއްލުންވާކަމެއް ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރި ކޮށްގެންލިބޭ އެއްޗަކުން ސަރުކާރަށް ޓެކުހެއް ނެގުންކަމަށެވެ.

"އިމްޕޯޓު ޑިއުޓީގެ ގޮތުގައި ބައެއް ފަހަރަށް ފަހެއް ޕަސެންޓް އަނެއްބައި ފަހަރަށް 20 ޕަސެންޓް އެބަނެގޭ. ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ގިނަ އަދަދެއްގެ ވިޔަފާރި މުދަލުގެ ޑިއުޓީ ދައްކަވާކަށް ނުޖެހޭނެ. ދެން ކަންވެގެން ދާގޮތަކީ އެއްވެސް ޓެކްސްއެއް ނުދައްކާ ވިޔަފާރި ކުރަމުން ގެންދާނީ. ރައްޖޭގެ ގިނަ ރައްޔިތުންނަށް ސާފުވާނެ ފަދައިން ޖީއެސްޓީއަކީ އެބޭފުޅުން ދައުލަތަށް އާންމު ހިދުމަތްތަކަށްޓަކައި ދައުލަތަށް ދައްކާ އެއްޗެއް. އެހެންވީމާ އިމްޕޯޓު ޑިއުޓީގެ ވާހަކަ މުޅިން އެކީގައި ނިމުނީ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، ޖީއެސްޓީ ނެގުމުގެ އިމްޕޯޓް ޑިއުޓީ ކަނޑާލާނެ ކަމަށް އެކިފަހަރުމަތިން ރައީސް ވިދާޅުވެފައިވެ އެވެ.

ސަރުކާރުން ތައާރަފް ކުރުމަށް މަސައްކަތްކުރާ އިންކަމް ޓެކްސްގެ މައްޗަށް އަލިއަޅުވާ ލައްވަމުން ރައީސް ރޭ ވިދާޅުވީ އިންކަމް ޓެކްސް ސަރުކާރުން ނަގާނީ މަހެއްގެ މައްޗަށް 30،000ރ. ވުރެ އިތުރަށް ލިބޭ މީހުންގެ އަތުން ކޮންމެ ރުފިޔާއަކުން އެއްލާރި ކަމަށެވެ. އަދި ވިދާޅުވީ "ހަމަ ބުއްދި" ހުރި އެއްވެސް އިންސާނަކު އެ ޓެކްސް އާ ދެކޮޅު ނަހަދާނެ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަލަށް ނަގަން ފެށި ޖީއެސްޓީ ޓެކްސްގެ މައްޗަށް އަލިއަޅުވާ ލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ޓެކްސްގެ ސަބަބުން ވިޔަފާރިތަށް ތަރައްގީވެ ޒަމާނީ ވިޔަފާރީގެ އުސޫލުގެތަކުގެ މަތިން ވިޔަފާރިތަށް ހިންގުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"ބެންޒަން ކާޓޫނު ސިގިރޭޓް ފޮއްޓެއްގެ ފަހަތުގައި ވިކުރާ ޖަހައިގެން ލޭންދޭނުވެސް އޭގައި ޖަހައިގެން ބެލެހެއްޓީމައި އަދި އަޅުގަނޑުމެން މި އެދޭ، ތަރައްގީ ހޯދަން އުނދަގޫވާނެ. އަޅުގަނޑުމެންނަށް އަބަދުވެސް އެހޭ ސުވާލަކީ ބެންޒަން ސިގިރޭޓް ކާޓޫނު ފޮށި ކޮން އިރަކުންތޯ ދޫކޮށްލާފައި ރަނގަޅު ނިޒާމަކަށް އަންނާނީ. ކޮންދުވަހަކުންތޯ އެބަދަލުވާންވީ ވަގުތު އައިސް ޖެހިއްޖެ ކަން އިހުސާސް ވާނީ. މިއީ 2011 ވަނަ އަހަރު. އަޅުގަނޑުމެން ރާއްޖޭގައި ދިރިއުޅެމުން އަންނަތާވެސް 2000 އަހަރަށް ވުރެވެސް ގިނަ ވެއްޖެ. އަޅުގަނޑުމެން ކޮންއިރަކުންތޯ އާދައިގެ އިންސާނުން އުޅޭހެން އުޅެން ފަށާނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

President Nasheed (mp3)

ރައްޔިތުން ދަރަނިވެރިވެގެން ދެން ސަރުކާރު ހިންގެން ނެތް ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ހަގީގަތާ ކުރިމަތިލާ "ހިތި ބޭސް" ބޮއިގެން ނަމަވެސް އިގުތިސޯދު ހަމަމަގަށް އަޅުވަންޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ ކަންކަމަކީ އެއްވެސް އިރެއްގައި ކުރަން ފަސޭހަކަމެއް ނޫން. ކާކުތާ ބޭނުންވާނީ އަތުގައި އޮންނަ ފައިސާ ކޮޅު ނަގާފައި ދައުލަތަށް ދޭން. އެއީ އިންސާނީ ތޮބީއަތް އެކަމާ ނުރުހޭކަން އެއީ އަޅުގަނޑުމެން ދަންނަ ކަމެއް. އެހެންނަމަވެސް ކުރާން ހުރި ކަމެއް އަޅުގަނޑުމެން ކުރަންޖެހޭނެ. އެއީ ހިތި ޒަހަރު ބޮއެގެންވެސް މި ބަލިން ސަލާމަތްވާންޖެހޭނެ،"