މާޒީގައި ކަންކަން ހިނގާފައިވާގޮތަށް ބަލައި އިބުރަތް ހާސިލުކުރަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ސުވާލުތަކެއް އުފެއްދެވިއެވެ.

އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވަކި ޕާޓީއަކަށް މެޖޯރިޓީ ދިނީމަ އޮތީ ރައްކާތެރިކަންތޯ ނުވަތަ ނުރަކަލެއްތޯ ގާސިމް ސުވާލު އުފެއްދެވިއެވެ.

"2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ އެއް ޕާޓީއަކަށް ދިނީމަ އޮތީ ނުރައްކަލެއްތޯ ނުވަތަ ރައްކާތެރި ކަމެއްތޯ. މިއީ އަޅުގަނޑުމެން ކަލްކިއުލޭޓްކޮށް ހިސާބު ޖަހާލަންވީ ކަމަކީ. މާޒީވެދިޔަ ތަނުން ތަޖުރިބާ ހާސިލުކުރަންވީ. ފެންނަ މަންޒަރުތަކުން ކުރައްސަވާލަންވީ ކޯއްޗެއްތޯ. އަޒުމް ކަނޑައަޅަންވީ ކޯއްޗެއްތޯ. ދިވެހިރާއްޖޭގެ މުސްތަގުބަލް ކުރިއަށްގެންދިޔުން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވަކި ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ވާނެގޮތް އިއްޔެ އާއި އިހައްދުވަހު އޮތީ ވަރަށް ސާފުކޮށް ދައްކައިދީފައި ކަމަށެވެ. އެހެންކަމުން "މެމްބަރުން ވިކޭ ވާހަކަ" އާއި "ފަނޑިޔާރުން އެހެންނޭ މިހެންނޭ ކިޔައިގެން ހިތައްއެރިހާ ވާހަކައެއް ދެއްކުމުގެ ހައްގު "އެއްވެސް މީހަކަށް އެބައޮތްތޯ ގާސިމް ސުވާލު އުފެއްދެވިއެވެ.