19:00


އިރާގުގައި މިދިޔަ މާޗްމަހު ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރި އިރާގިއްޔާ ޕާޓީގެ އިސް މެންބަރަކަށް ހަނގުރާމަވެރިން އަނެއްކާވެސް ހަމަލާދީ އަވަހާރަކޮށްލައިފި އެވެ.


އިރާގުގެ ފުލުހުން ބުނާގޮތުގައި އެގައުމުގެ އުތުރުގެ ސަހަރެއް ކަމަށްވާ މޫސަލްގައި ތިބި ހަނގުރާމަވެރިންގެ ބަޔަކު އިރާގިއްޔާ ޕާޓީގެ އިސް މެންބަރެއް ކަމަށްވާ ފާރިސް ޖާސިމް އަލް ޖުބޫރީ އަށް ހަމަލާދީ އަވަހާރަކޮށްލާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި އޭނާ އަށް ހަމަލާދީފައިވަނީ އޭނާގެ އަމިއްލަ ގެކޮޅުގައި ހުންނަވަނިކޮށް ކަމަށާއި އޭނާ އަވަހާރަކޮށްލާފައި ވަނީ އޭނާގެ ހަށިކޮޅަށް އެތައް ފަހަރެއްގެ މަތިން ބަޑިޖެހުމަށް ފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.


އިރާގުގެ ފުލުހުން އިތުރަށް ބުނެފައިވަނީ މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައިނުވާ ކަމަށެވެ.


އަލް ޖުބޫރީ އަކީ އިރާގުގެ އާންމު އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓެކެވެ. އިންތިޚާބުގައި ގޮނޑިއެއް ކާމިޔާބުނުކުރެއްވުނު ނަމަވެސް އޭނާ އަކީ އިރާގިއްޔާ ޕާޓީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މެންބަރެކެވެ. އޭނާ ވެވަޑައިގެންފައިވަނީ މިއަހަރު ތެރޭ ހަނގުރާމަވެރިންގެ ހަމަލާތަކުގައި އަވަހާރަވި އިރާގިއްޔާގެ ތިންވަނަ މެންބަރަށެވެ. މިކަމާ ގުޅިގެން އިރާގިއްޔާ ޕާޓީން ބުނެފައިވަނީ މިއީ އެޕާޓީ އަށް އަމާޒުކޮށް ދީފައިވާ ހަމަލާ އެއް ކަމަށާއި އަލް ޖުބޫރީ އަވަހާރަކޮށްލާފައިވަނީ ސިޔާސީ ސަބަބުތަކާ ހުރެ ކަމަށެވެ. އަދި މިހަމަލާތަކުން އިރާގިއްޔާގެ އިސް އޮފިޝަލުން ސަލާމަތް ކޮށްދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށް ވެސް އެޕާޓީން ބުންޏެވެ.