ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި މާރާމާރީ އެއްގައި އަނިޔާވި ދެ ކުއްޖަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ހުޅުމާލޭގައި މިއަދު ހެނދުނު މާރާމާރީއެއް ހިންގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޮފިޝަލު ނުދެއްވަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލު އާސިޔާ ސޯލިހް ވިދާޅުވީ، އެ މާރާމާރީގައި އަނިޔާވެގެން ގެންގޮސްފައި ވަނީ 17 އަހަރުގެ ދެ ކުއްޖަކަށް ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށެވެ.

އަނިޔާވެގެން ގެންގޮސްފައި ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކުއްޖަކާއި ގދ. ރަތަފަންދޫ ކުއްޖެއް ކަމަށް އާސިޔާ ވިދާޅުވި އެވެ. އޭގެ ތެރެއިން އިމަޖެންސީގައި ފަރުވާ ދެމުން އަންނަނީ ރަތަފަންދޫ ކުއްޖާ އަށް ކަމަށް އާސިޔާ ވިދާޅުވި އެވެ.

އަދި އަނެއް ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާއިރު އޭނާއަށް ފުރުވާ ދެމުން ދަނީ ޑްރެސިން ރޫމްގައި ކަމަށް ވެސް އާސިޔާ ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭގައި ވެސް ހުޅުމާލޭގައި ވަނީ ދެ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފަ އެވެ. ނަމަވެސް އެ ދެ މީހުނަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.