05 Oct 2011, 14:09
މައުލޫމާތާއި ހަބަރާއި ފޮޓޯ ބަދަލު ކުރުމުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގައި އަތޮޅުތަކުގައި ހިންގާ ފަސް އޮންލައިން ނޫހަކާއެކު ސަން މީޑިއާ ގްރޫޕް (އެސްއެމްޖީ) އިން ސޮއިކޮށްފި އެވެ.
އެކްސްކުލޫަސިވްކޮށް މައުލޫމާތާއި ފޮޓޯ އާއި ހަބަރު ބަދަލު ކުރުމުގެ އެއްބަސްވުމެއްގައި ރޭ އެސްއެމްޖީން ސޮއިކޮށްފައި ވަނީ ނ. އަތޮޅަށް ހާއްސަ ކޮށްފައިވާ "މަނަދޫލައިވް ޑޮކްޓްކޮމް" އާއި ގއ އާއި ގދ. އަތޮޅުގެ ހަބަރާއި މައުލޫމާތު ފެތުރުމަށް ހާއްސަވެފައިވާ "ހުވަދޫ އޮންލައިން" އާއި ލ. އަތޮޅުގެ ހަބަރުތައް ފެތުރުމުގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ "ލާމް އެޓޯލް ޑޮޓްކޮމް" އާއި އުތުރުގެ ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅުގެ ހަބަރުތައް ފުޅާކޮށް ގެނެސްދޭ "ކުޅުދުއްފުށީ އޮންލައިން" އަދި ރާއްޖޭގައި އެއްފަހަށް އޮތް އަތޮޅު ޏ. ފުވައްމުލަކަށް ހާއްސަވެފައިވާ "ކައްޓެޅި ޑޮޓްކޮމް" އާއެކު އެވެ.
ރަޖިސްޓްރީކޮށްގެން ހިންގާ މި ފަސް ނޫހާއެކު އެސްއެމްޖީން ސޮއިކޮށްފައި ވަނީ އެކްސްކުލޫސިވް އެގްރިމެންޓެއްގަ އެވެ.
ސަންއޮންލައިންގެ އިދާރާގައި ރޭގައި ބޭއްވި ރަސްމިއްޔާތުގައި އަތޮޅުތަކުގެ އޮންލައިން ނޫސްތަކާއެކު ވި އެއްބަސްވުމުގައި އެސްއެމްޖީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު ސިނާން އަލީ އެވެ. ނޫސްތަކުގެ ފަރާތުން ސޮއި ކުރެއްވެވީ އެ ނޫސްތަކުގެ ބައެއް އިސްވެރިންނާއި އެޑިޓަރުންނެވެ.
އެސްއެމްޖީގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ އަތޮޅުތަކު ފަސް އޮންލައިން ނޫހަކާއެކު ވެވުނު އެއްބަސްވުމުން އެ އޮންލައިނެއް ނިސްބަތްވާ ރަށާއި އަތޮޅުގެ ކަންކަމާއި ހާދިސާތަކުގެ ހަބަރާއި މައުލޫމާތާއި ފޮޓޯ އާއި ވީޑިއޯ އެކްސްކްލޫސިވްކޮށް އެސްއެމްޖީގެ މީޑީއާ ވަސީލަތްތައް ކަމަށްވާ ސަން އޮންލައިނާއި ސަން އެފްއެމާއި ސަން މެގަޒިންނަށް ދުވަހުން ދުވަހަށް ލިބެމުން އަންނާނެ ކަމަށާއި އަދި އަތޮޅުތަކުގެ އެ އޮންލައިން ނޫސްތައް ތަރައްގީކޮށް ކުރިއެރުވުމަށް ވެސް އެސްއެމްޖީން އެހީތެރިވެދޭނެ ކަމަށެވެ.
"އަތޮޅުތަކުގައި ރަޖިސްޓްރީވެގެން ހިންގާ އޮންލައިންތަކުގެ ތެރެއިން ރަނގަޅަށް ހިންގަމުން އަންނަ ފަސް އޮންލައިނަކާއެކު އަޅުގަނޑުމެން އެއްބަސްވުމަކަށް މިއައީ. މީގެ ތަޖުރިބާއަށް ބެލުމަށް ފަހު އިތުރު އޮންލައިންތަކާއެކު ޕާޓްނާޝިޕް އެއްބަސްވުންތަކެއް ގާއިމު ކުރުމަށް އަޅުގަނޑުމެން ވަނީ ނިންމާފައި. މީގެ ބޭނުމަކީ އަތޮޅުތަކުގައި ނޫސްވެރިކަން ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމާއެކު އެ ފަރާތްތަކުގެ އަޑު މިހާރަށް ވުރެ ފުޅާދާއިރާއެއްގައި ގައުމީ ފެންވަރުގައި އުފުލައިދެވޭނެ ނިޒާމެއް ގާއިމުކޮށް ދިނުން. އަދި އަތޮޅުތަކުގެ މައުލޫމާތުތަކާއި ހަބަރާއި ފޮޓޯ އާއި ވީޑިއޯ އަޅުގަނޑުމެންގެ މީޑިއާ ވަސީލަތްތަކަށް ހޯދުން،" ސިނާން ވިދާޅުވި އެވެ.
ސިނާން ވިދާޅުވި ގޮތުގައި މި އެއްބަސްވުންތަކުގެ ދަށުން އަތޮޅުތަކުގެ އެ ނޫސްތަކަށް ބޭނުންވާ ފަންނީ ތަމްރީނު ޕްރޮގްރާމްތައް ހިންގައި ދިނުމާއި ސަން އޮންލައިންގެ ނިއުސް ރޫމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން އެސްއެމްޖީގެ މީޑިއާ ވަސީލަތްތައް މެދުވެރިކޮށް އެ އޮންލައިން ނޫސްތައް އިޝްތިހާރުކޮށް ދޭނެ އެވެ.
"އަޅުގަނޑުމެންގެ ނޫސްވެރިކަމުގެ ޓްރޭނިން ޕްރޮގްރާމްތައް އަތޮޅުތަކަށް ގެންދެވޭނެ. އަދި އަޅުގަނޑުމެނާ ގުޅުނު ނޫސްތަކުގައި މަސައްކަތް ކުރާ ފަރާތްތައް އަޅުގަނޑުމެންގެ މައި ނިއުސް ރޫމުގައި މަސައްކަތްކޮށް ތަޖުރިބާ ހާސިލު ކުރުމުގެ ފުރުސަތު ވެސް ދެވޭނެ. މީގެ އިތުރުން މޮބައިލްކޮށް ފަންނީ އެހީތެރިކަން ފުޅާ ދާއިރާއެއްގައިދެވޭނެ. އަދި ވެބް ޑިވެލޮޕިން ދާއިރާގައި ވެސް އަޅުގަނޑުމެންގެ އެހީތެރިކަން އެ ސައިޓްތައް ޑިވެލޮޕް ކުރުމުގައި ދެވޭނެ. އަޅުގަނޑު މި ބަލަނީ ގުޅިގެން ކުރެވޭ މި މަސައްކަތުން ރާއްޖޭގެ އަތޮޅުތަކުގެ މިޑިއާއަށް ސަންގެ ފަރާތުން ކުރިއެރުން ގެނެސްދޭނެ ކަމަށް" ސިނާން ވިދާޅުވި އެވެ.
އޮންލައިން ނޫސްތަކާއެކު ޕާޓްނާޝިޕް އެގެރިމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރާއި ސަން އެފްއެމްއެގެ ސްޓޭޝަން މެނޭޖަރު އަލީ ޝިމްރީ އާއި ސަންގެ މެގަޒިންގެ އިސް ފަރާތްތަކާއި ސަން އޮންލައިންގެ ބައެއް ނޫސްވެރިންގެ އިތުރުން ސަންގެ އެޑްމިން ޓީމުން ބައިވެރިވި އެވެ.