ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމެރީގައި ޖުމްލަ 270 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީ ޕްރައިމެރީ ބާއްވަން އެޕާޓީން އިއުލާނު ކޮށްފައި ވަނީ މި ހަފްތާގެ ހުކުރު ދުވަހު އެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމެރީއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ޕްރައިމެރީގައި 279 ކެންޑިޑޭޓުން އެކި ދާއިރާތަކުގައި ވާދަކުރާ ކަމަށެވެ. އަދި މުޅި އިންތިހާބުގައި 270 ވޯޓު ފޮށި ބަހައްޓާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

އެމްޑީޕީ ޕްރައިމެރީގައި 89،091 މީހުން ވޯޓުލުމަށް ރެޖިސްޓްރީ ކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ. ވޯޓު ފޮށިތައް ރާއްޖޭގެ އިތުރުން އިންޑިއާ، ސްރިލަންކާ އަދި މެލޭޝިއާގައި ވެސް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

މާލޭގައި ވޯޓު ފޮށިތައް ބަހައްޓާނެ ބައެއް ތަންތަން މިހާރު ކަނޑައަޅާފައިވާއިރު، މުޅިން ފައިނަލް ލިސްޓު މިއަދުގެ ވަގުތެއްގައި އާންމުކުރާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. ހަމަ އެކަނި މާލޭގައި ވެސް ރަށްރަށުގެ މީހުން ހިމެނޭ ގޮތަށް 32،000 މީހުން ވޯޓު ލާނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް --- ސަންފޮޓޯ/ އަވްޝަން އިލިޔާސް

ޕްރައިމެރީގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ޕްރައިމެރީތަކުގައި އަދި އެތެރޭގެ އިންތިހާބުތަކުގައި ވޯޓް ފޮށި ކައިރީ ތިބޭ މީހުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހައިގެން އަޅާ ކަަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަ އެވެ. އެ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ޝިފާޒު ވިދާޅުވީ ކޮންމެ އިންތިހާބެއްގައި ވެސް އެކަހަލަ ވާހަކަ ދައްކާނެ ކަމަށެވެ.

"އެތެރޭގެ އިންތިހާބެއްގައި އެފަދަ ޝަކުވާތަކެއް ނާންނާނެ ގޮތަށް ކަންތައްތައް ގެންދެވޭތީ އަޅުގަނޑުމެންނަށް މައި އިންތިހާބު ކާމިޔާބު ކުރެވެނީ." އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވިދާޅުވި އެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓު ކަރުދާސް ޕްރިންޓްކުރީ ސެކިއުރިޓީ ފީޗާސްތަކާ އެކު ކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ އޮބްޒަވަރުންނަށް އަޑުއިވޭ ވަރަށް ނަންގޮވައި، ވޯޓާސް ލިސްޓް އޮބްޒަވަރުންނަށް ދީގެން ކަމަށާއި އެހެންވީމަ ވޯޓުން މަކަރު ނުހެދޭނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ ޕްރައިމެރީގައި ވޯޓުލުން ފެށެނީ ހުކުރު ދުވަހު 2:30 ގަ އެވެ. ވޯޓުލުން ނިމޭ ގަޑިއަކީ ރޭގަނޑު 8:30 އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ޕާޓީގެ އެތެރޭގެ ޕްރައިމެރީ ބާއްވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އޭޕްރީލް ހަ އެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.