މީގެ އަހަރުތަކެއްގެ ކުރިން ހުއްޓުމަކަށް އައިސްފައި އޮތް މޯލްޑިވްސް މީޑިޔާ އެސޯސިއޭޝަން (އެމްއެމްއޭ) އަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުން 456،000 ރުފިޔާ ދީފައިވާ ކަމަށް، ފައިނޭންސް މިނިސްޓްރީއާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބުނެފައިވާ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކޮރަޕްޝަން ބަލަހައްޓާ ދައުލަތުގެ މުއައްސަސާތަކަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން]އެމްޖޭއޭ[ އިން ގޮވައިލައިފި އެވެ.

އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީޑީޔާ އެސޯސިއޭޝަނަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކޮށްފައިވާ މައްސަލައަކީ، ވަރަށް ސީރިއަސް އަދި ކޮޕަރްޝަނަށް މަގުފަހިވާ ގޮތަށް ހިނގާފައި އޮތް ކަމެއްކަމުގައި ފެންނާތީ، އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤުކޮށްދެއްވުމަށް އެންޓި-ކޮޕަރްޝަން ކޮމިޝަނަށާއި އޮޑިޓް އޮފީހަށް ގޮވައިލާ ކަމަށެވެ.

"ރާއްޖޭގެ މީޑިޔާގެ އަގުވެއްޓި ނޫސްވެރިންގެ އަޚުލާޤީ މިންގަނޑު ފަހަނައަޅާ ދާފަދަ ކޮޕަރްޝަނުގެ ޢަމަލުތައް ދައުލަތުގެ ބެޖެޓުގެ ތެރެއިން މިފަދަ ގޮތްގޮތަށް ހިންގާފައިވާ ނަމަ އެކަންކަމަކީ، ބޮޑެތި ޖަރީމާކަމުގައި މިޖަމްއިއްޔާއިން ދެކެމެވެ. އަދި އެފަދަ ޢަމަލުތައް ހިންގާފައިވާ ފަރާތްތަކާ މެދު އިންސާފުވެރި ތަޙުޤީޤު ހިންގަވައި ހަރުކަށި ފިޔަވަޅު އެޅުއްވުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ." އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

އެމްޖޭއޭ އިން ބުނެފައި ވަނީ "އަމިއްލަ ޖަމްޢިއްޔާއެއްގެ ގޮތުގައި އޮތް މޯލްޑިވްސް މީޑިޔާ އެސޯސިއޭޝަނަށް ދައުލަތުގެ ބަޖެޓުން، އެއެސޯސިއޭޝަންގެ މުއައްޒަފުންނަށް މުސާރަ ދިނުމުގެ ނަމުގައި ގިނަ ޢަދަދެއްގެ ފައިސާ ދީފައިވާ ކަމަށް ބުނުމަކީ ވަރަށް ހައިރާންވާ" ކަމެއް ކަމަށެވެ.

މޯލްޑިވްސް މީޑިއާ އެސޯސިއޭޝަންގެ ހަރަކާތް ހުއްޓުނު އިރު، އެ ޖަމިއްޔާ އަށް މެންބަރުންނާއި މީޑިއާ އިންސިޓިއުޓްތަކުން ދީފައިވާ ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ހުރީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

"އެހެންކަމާ އެކު އެ ފައިސާ އާއި ތަކެއްޗަށްވީ ގޮތެއް ވެސް ބަލުމަށް އެމްޖޭއޭ އިން ގޮވައިލަމެވެ."