16 Jan 2019, 11:28
ނައިރޯބީ(ޖެނުއަރީ 16): ކެންޔާގެ ވެރިރަށް ނައިރޯބީގައި ހުންނަ ލަގްޒަރީ ހޮޓެލް އަދި އޮފީސް ކޮމްޕްލެކްސްއަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަދެ ދިން ހަމަލާއެއްގައި 15 މީހަކު މަރާލައިފިއެވެ.
އިއްޔެގެ ވަގުތެއްގައި އެހަމަލާތައް ދޭން ފެށި އިރު ބަޑި ޖަހާ އަޑާއި ބާރުގަދަ ގޮވުންތަކުގެ އަޑު އިވުނު ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން އެކޮމްޕްލެކްސް ތެރޭގައި ތާށިވި ނަމަވެސް އެގައުމުގެ ސަރުކާރުން ވަނީ މިހާރު ހަމަލާތައް ކޮންޓްރޯލު ކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ހަމަލާ ދިން މީހުންނަށްވީ ގޮތެއް ސަރުކާރުން ނުބުނެއެވެ.
ނައިރޯބީގެ ފުލުހަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްގައިވާ ގޮތުން އެހަމަލާއަށް ފަހު 15 މީހުންގެ ހަށިގަނޑު ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ކެންޔާގެ 11 މީހަކާއި އެމެރިކާގެ މީހަކާއި އިނގިރޭސި މީހަކު ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި ބާކީ ދެ މީހުންނަކީ ކޮންބަޔެއްކަން އަދި ޔަގީންވެފައެއް ނުވެއެވެ.
މީގެ އިތުރުން 30 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ކެންޔާގެ މީޑިއާތަކުން ބުންޏެވެ.
ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބް އިން ވަނީ އެހަމަލާގެ ޒިންމާ ނަގާފައެވެ. ދެހާސްތޭރަ ވަނަ އަހަރު އަލް ޝަބާބުން ނައިރޯބީގެ ޝޮޕިން މޯލްއަކަށް ދިން ހަމަލާއެއްގައި 67 މީހުން މަރުވެފައިވެއެވެ. އަދި އޭގެ ދެ އަހަރު ފަހުން ކެންޔާގެ ޔުނިވާސިޓީއަކަށް ދިން ހަމަލާއެއްގައި 150 މީހުން މަރާފައިވެއެވެ.