05 Oct 2011, 13:35
އެންމެ ފަހުގެ ޔޫރަޕް އަދި ސްޕެއިން ޗެމްޕިއަން ބާސެލޯނާގެ ސްޕެއިން ތަރި އަންދުރޭ އިނިއެސްޓާ އެނބުރި ކުޅުމަށް އައުމުގެ ފެހި ސިގްނަލެއް ލިބިފައިވާ ކަމަށް އެ ކްލަބުން ހާމަކޮށްފި އެވެ.
ސެޕްޓެމްބަރު 13 ވަނަ ދުވަހު ކުޅުނު ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޭސީ މިލާނާއި ދެކޮޅަށް ބާސާ ކުޅުނު މެޗުގައި އިނިއެސްޓާގެ ފަލަ މަސްގަނޑަށް އަނިޔާއެއް ލިބުމާއި ގުޅިގެން އެއް މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހުނެވެ.
ސްޕެނިޝް ލަލީގާގައި މިމަހު 15 ވަނަ ދުވަހު ރޭސިންގް ސަންޓެންޑާ އާއި ދެކޮޅަށް ބާސާ ކުޅޭ މެޗުގައި އިނިއެސްޓާ އަށް ބައިވެރި ވެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ބާސާއިން ހާމަ ކުރެއެވެ. އެހެން ނަމަވެސް ޔޫރޯ 2012 ކޮލިފައިން ބުރުގައި ޗެކް ރިޕަބްލިކް އާއި ސްކޮޓްލެންޑާއި ދެކޮޅަށް ސްޕެއިން ގައުމީ ޓީމު ކުޅޭ މެޗުގައި ބައިވެރިވުމުގެ ފުރުސަތު އިނިއެސްޓާ އަށް ވަނީ ގެއްލިފައެވެ.
އަންދުރޭ އިނިއެސްޓާ ގެ އިތުރުން ބާސާގެ މުހިންމު ކުޅުންތެރިންތަކެއް އަނިޔާގެ ލިސްޓުގައި ހިމެނެއެވެ. އެކުޅުންތެރިންގެ ތެރޭގައި ސްޕެއިންގެ މިޑްފީލްޑަރު ސެސް ފެބްރިގާސް އާއި، ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް ގެ އިތުރުން ހޮލެންޑް ފޯވާޑް އިބްރާހިމް އާފުލާއި ހިމެނެއެވެ.