ލަންޑަން(ޖެނުއަރީ 16): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމާ ބެހޭ ގޮތުން ބޮޑުވަޒީރު ތެރީސާ މޭ އެކުލަވާލެއްވި އެއްބަސްވުމާ ދެކޮޅަށް އެގައުމުގެ ޕާލިމެންޓުން ވޯޓު ދީފިއެވެ.

އިނގިރޭސި ޕާލިމެންޓުގެ 202 މެމްބަރުން އެ އެއްބަސްވުމަށް ތާއިދު ކުރެއްވި އިރު 432 މެމްބަރުން ވަނީ އެއްބަސްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. އެއީ އެގައުމުގެ ތާރީހުގައިވެސް ޕާލިމެންޓުގައި ސަރުކާރަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީއެވެ.

އެވޯޓަށް ފަހު އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވަނީ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޕާލިމެންޓަށް ހުށަހަޅާފައެވެ.

އަދި އާއްމު ގޮތެއްގައި ސަރުކާރަށް އެފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވުމުން ބޮޑުވަޒީރު އިސްތިއުފާ ދެއްވާނެއެވެ. ނަމަވެސް މޭ ވަނީ މަގާމުން ދުރަށް ޖެހި ވަޑައިނުގަންނަވާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ. އަދި ބްރެގްޒިޓް ދެން ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން ޕާޓީތަކުން މަޝްވަރާ ކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެމަޝްވަރާތަކަށް ފަހު އަންނަ ހަފްތާގެ ހޯމަ ދުވަހު ބްރެގްޒިޓްގެ އެހެން ޕްލޭނެއް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

މޭގެ އެއްބަސްވުމުގައި ނިންމާފައި އޮތީ މާޗް 29ގައި އިނގިރޭސިން އީޔޫއިން ވަކިވުމަށް ފަހު، 21 މަހުގެ ޓްރާންޒިޝަން މުއްދަތެއް ކަނޑައެޅުމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އީޔޫއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

ޕާލިމެންޓުގައި ރޭ ނެގި ވޯޓު މީގެ ކުރިން ބާއްވަން ހަމަޖެހިފައި އޮތީ މިދިޔަ މަހުގައެވެ. ނަމަވެސް އެއެއްބަސްވުމަށް ރުހުން ނުލިބޭނެކަން އެނގިލައްވާތީ ބޮޑުވަޒީރު މޭ އެވޯޓު ލަސް ކުރެއްވީއެވެ.

އެ އެއްބަސްވުމާ ބެހޭ ގޮތުން އެންމެ ބޮޑަށް ދެބަސްވުން އުފެދިފައި ވަނީ އީޔޫއާ އެކު ހަދާފައިވާ ކަސްޓަމްސް އެއްބަސްވުމަކާ ގުޅިގެންނެވެ. އެއެއްބަސްވުމުގައި ވަނީ ނަދަން އަޔަލޭންޑާއި ރިޕަބްލިކް އޮފް އަޔަލޭންޑުގެ ބޯޑަރުގައި އީޔޫގެ ޗެކް ޕޮއިންޓުތައް ބެހެއްޓުމުގެ ބަދަލުގައި، ޔޫކޭގެ އެހެން ސަރަހައްދުތަކުން ނޮދަން އަޔަލޭންޑަށް ފޮނުވާ އުފެއްދުންތައް އީޔޫގެ ހަމަތަކަށް ފެތޭތޯ ބަލަން ނިންމާފައެވެ.

ނަމަވެސް އެ އެއްބަސްވުމާ ދެކޮޅު ހަދާ މެމްބަރުން ވަނީ އޭގެ ސަބަބުން ނޮދަން އަޔަލޭންޑާއި ޔޫކޭގެ އެހެން ގައުމުތަކާ ތަފާތު ކުރެވޭ ކަމަށާއި އޭގެ ސަބަބުން އިނގިރޭސިވިލާތް އީޔޫއިން ވަކިވި ނަމަވެސް، އެގައުމުން އީޔޫގެ ގަވާއިދުތަކަށް ތަބާވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގީ 29 މާޗް 2017އިގައެވެ. އެވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 51.9 ޕަސެންޓު މީހުން ވޯޓު ދިނީ އީޔޫއިން ވަކިވާށެވެ.