16 Jan 2019, 08:35
ގއ. ކަނޑުހުޅުދޫއިން ދަރިފުޅު ގޮވައިގެން ޏ. ފުވައްމުލަކަށް ފިލި މީހާ ދަރިފުޅު ގޮވައިގެން ދިޔައީ ރަނގަޅަށް ކަމަށާއި ކުއްޖާގެ މަންމައަށް އަނިޔާވެސް ކޮށްފައި ނުވާނެކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި، އާއިލާއިން ހަމަޖެއްސި ލޯންޗަކަށް އަރައިގެން ދަރިފުޅު ގޮވައިގެން ފުވައްމުލަކަށް ދިޔައީ 33 އަހަރުގެ ފިރިހެނެކެވެ. އުމުރުން 23 އަހަރުގެ އަންހެނުންނާ ކައިވެނިކޮށްގެން އޭނާއަށް ލިބިފައިވާ ފިރިހެން ދަރިފުޅުގެ އުމުރަކީ މިހާރު ތިން އަހަރެވެ.
އެ ދެމަފިރިން ދަރިފުޅާ އެކު ކުރިން ދިރިއުޅެމުން ދިޔައީ ފުވައްމުލަކުގައެވެ. އެހެން ނަމަވެސް، ފަހުން ދަރިފުޅާ އެކު އަނބިމީހާ ވަނީ ކަނޑުހުޅުދޫއަށް ބަދަލުވެފައެވެ.
ފިރިމީހާގެ އާއިލާއިން "ސަން"އާ ވާހަަކަ ދެއްކި މީހަކު ބުނީ ކުޑަ ދަރިފުޅު ފުވައްމުލަކަށް ގެންދިޔައީ އަނބިމީހާއާ ދަރިފުޅާ ވަކި ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އޭނާ ބޭނުން ވަނީ އަނބިމީހާއާ ދަރިފުޅާ އެކު ފުވައްމުކަލުގައި ރީތި ގޮތުގައި އުޅުމަށް ކަމަށެވެ.
އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ބުނެފައި ވަނީ އެ ކުއްޖާގެ މަންމަ ފަރާތުގެ އާއިލާއިން ކުއްޖާއަށް އެކަށީގެންވާ ވަރަށް އަޅާނުލާ ކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހު ފުވައްމުލަކުގައި ހުރެފައި ފިރިމީހާ ކަނޑުހުޅުދޫއަށް ދިޔައީވެސް އަނބިމީހާ ގޮވައިގެން ފުވައްމުލަކަށް ދިޔުމަށް ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް އަހުމަދު ޝަހީމް ރޭ "ސަން"އަށް ވިދާޅުވީ، ކުއްޖާގެ ބައްޕަ ކުއްޖާ ގޮވައިގެން ދިޔައީ އަނބިމީހާއަށް އަނިޔާވެސް ކޮށްފައި ކަމަށެވެ. އެހެން ނަމަވެސް، އެ ވާހަކަތައް ކުއްޖާގެ ބައްޕަގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ.
އާއިލާއިން ބުނީ ކުއްޖާގެ މަންމަ އޭނާގެ ފިރިމީހާއަށް ކިޔަމަންވެ އެކުގައި ފުވައްމުލަކަށް ދިޔުމަށް ކަނޑުހުޅުދޫ ކޯޓުންވެސް އަމުރުކޮށްފައިވާނެ ކަމަށެވެ.
"ގޮއްސަ ވާހަކަ ދައްކައިގެން ނައިމަ، އިއްޔެ [ހޯމަ ދުވަހު] ކަނޑުހުޅުދޫ ކޯޓަށް ގޮއްސަ ކޯޓުން އަމުރެއް ކުރީ އަންހެން މީހާއަށް ފިރިމީހާ ބުނާ ގޮތަކަށް ހަދައިގެން ފިރިމީހާ ބުނާ ތަނަކަށް ދާން،"
"ދެން މީނަ [ފިރިމީހާ] ރީތި ގޮތުގައި އަންނާށޭ ބުނެ ބުނެ ނައިމަ، އަހަރެމެން މިކޮޅުން ލޯންޗެއް ފޮނުވައިގެން އޭނަ ގެނައީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ، ކުޑަ ކުއްޖާ މިހާރު ހުރީ ކުއްޖާގެ ބައްޕަގެ ބެލުމުގެ ދަށުގައި ފުވައްމުލަކުގައި ކަމަށެވެ. އަދި މިހާރު ފުލުހުންވެސް ޖެންޑާއިންވެސް ބަލަން އައިސްފައިވާ ކަމަށާއި އެ ފަރާތްތަކުންވެސް މައްސަލަ ނުޖައްސާ ކަމަށް އާއިލާއިން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.
"ޕޮލިހުންވެސް އައިސް ބަލާފައި ގޮއްސި. ޖެންޑާއިންވެސް އައިއްސަ ބަލާފައި ގޮއްސި. އެމީހުންވެސް ބުނީ މި އޮތީ ރަނގަޅަށޯ ކަންތައްކޮށްފައި. ދެން އެކޮޅުން ކޯޓުން އަމުރުވެސް ކޮށްފައި އޮތީ،"
"ޖެންޑާއިންވެސް އަނެކަތި ކުރަނީ، ތިމަންނަމެންވެސް އަންހެން ކުއްޖާއަށް ނަސޭހަތްތެރި ވާނީއޭ ރީތިގޮތުގައި މިތަނަށް އައިސް ދިރިއުޅެން،"
އެކަމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.