ރާއްޖެއާ ޔޫއޭއީއާ ދެމެދު އިއާދަކުރެނިވި ހަކަަތައިގެ ދާއިރާއިން އެއްބާރުލުންދިނުން އިތުރު ކުރުމާ ގުޅޭގޮތުން ދެ ޤައުމު ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއް ގައި ސޮއިކޮށްްފިއެވެ.

އަބޫދާބީގައި ހުންނަ އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި މިއަދު ހަވީރު ބޭއްވުނު ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އަދި ޔޫއޭއީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް، ޑރ. ތާނީ އަލް ޒަޔޫދީއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން ދެ ގައުމު ދެމެދު އިއާދަކުރުނިވި ހަކަތައިގެ ދާއިރާއިން ސިޔާސަތު އެކުލަވާލުމުގައި ތަޖުރިބާ އާއި ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރެވިގެންދާނެ ކަަމަށެވެ. އަދި އެ އެމްއޯޔޫ އަކީ ދެ ޤައުމު ދެމެދު އޮތް ޒަމާންވީ ގުޅުމަށް ލިބުނު އިތުރު ފުރިހަމަކަމެއްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެއް އަމާޒުކަމުގައިވާ ދެމެހެއްޓެނިވި ކުރިމަގަކަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ އެއްބަސްވުމަކީ ރައީސް ސޯލިހް މިހާރު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ހަވާސާގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެ ދަތުރުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގަތެވެ.