ދޫނިދޫ ޖަލުގައި މަރުވި އަންހެން މީހާގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސިއެމް) އިން ބަލަން ފަށައިފި އެވެ.

މިއަދު ދޫނިދޫގައި މަރުވެފައި ވަނީ ނ. މަނަދޫ، ނާދީގެ، ނަޝާޔާ ރަޝީދު، 23 އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ އަކީ ފޭރުމުގެ މައްސަލައަކާ ގުޅިގެން ބަންދުކޮށްފައި ހުރި އަންހެނެކެވެ.

އޭނާ މަރުވި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އޭނާ މަރުވި މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ.

މިރޭ ކުރި ޓްވީޓެއްގައި އެޗްއާރްސީއެމް އިން ވަނީ އެ މައްސަލަ ބަލަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

އެ މައްސަލައިގައި ފުލުހުން ބޭނުން ވަނީ އެ ދެ ކޮމިޝަނުން އާއިލާއާ ވާހަކަ ދައްކައިގެން ނަޝާޔާގެ ހަށިގަނޑުގެ އޮޓޯޕްސީއެއް ހެދުމަށް ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އާއިލާއާ ދުރުގައި މާލޭގައި ދިރިއުޅެމުން އައި ނަޝާޔާ މަރުވި އިރު އޭނާގެ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ހުރެ އެވެ. އެ ކުއްޖާ ބަލަނީ އެ ކުއްޖާގެ މާމައާއި ކާފަ އެވެ.