ގއ. ކަނޑުހުޅުދޫގައި އަނބިމީހާއަށް އަނިޔާކޮށް ދަރިފުޅު ގޮވައިގެން މީހަކު ރަށުން ފިލި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ފުވައްމުލަކު މީހަކު ވަނީ ކަނޑުހުޅުދޫއިން ލޯންޗަކަށް އަރައިގެން އޭނާގެ ދަރިފުޅާ އެކު ފިލާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް މިއަދުގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް އަހުމަދު ޝަހީމް "ސަން"އަށް ވިދާޅުވީ، ދަރިފުޅު ގޮވައިގެން ފިލި ބައްޕައަކީ ފުވައްމުލަކު މީހެއް ކަމަށާއި އޭނާ ދަރިފުޅު ގޮވައިގެން ދިޔައީވެސް ފުވައްމުލަކަށް ކަމަށެވެ.

"އެ ކުއްޖާގެ މަންމައަށް ވަރަށް އަނިޔާކޮށްފައި ކުއްޖާ ގޮވައިގެން ފިލައިގެން ދިޔައީ. މިހާރުވީ ފުވައްމުލަކުގައި ކަމަށް ވަނީ،"

އޭނާ ވަނީ، ދަރިފުޅު ގޮވައިގެން ފިލި މީހާ އޭނާގެ އަންހެނުންނަށް ބާއްވާފައި ދިޔަ ކަމަށް ބުނާ ނޯޓެއް ވެސް "ސަން"އާ ހިއްސާ ކޮށްފަ އެވެ. އޭގައި ވާ ގޮތުން އޭނާ ރާވާފައި ވަނީ ދެ ހަފްތާ ފަހުން ދަރިފުޅު ގޮވައިގެން މެލޭޝިއާއަށް ފުރުމަށެވެ.

ދަރިފުޅު ގޮވައިގެން ފިލި މީހާ އޭނާގެ އަންހެނުންނަށް ބާއްވާފައި ދިޔަ ކަމަށް ބުނާ ނޯޓު--

އެ ދެމަފިރިން ދަރިފުޅާ އެކު ކުރިން ދިރިއުޅެމުން ދިޔައީ ފުވައްމުލަކުގަ އެވެ. ކުއްޖާ ގޮވައިގެން ބައްޕަ ފިލާފައި ވަނީ އޭނާ ކަނހުޅުދޫއަށް ދިޔަތާ ދެ ވަރަކަށް ދުވަސް ފަހުން ކަމަށް ކައުންސިލުން ބުންޏެވެ.