15 Jan 2019, 20:57
ދޫނިދޫގައި މިއަދު މަރުވި އަންހެން މީހާއަށް ލިބިދޭން ޖެހޭ އެންމެހާ ހައްގުތަކާއި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެންމެހާ ހިދުމަތްތައް ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ދޫނިދޫގައި މަރުވެފައި ވަނީ އުމުރުން 23 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނި ގޮތުގައި އޭނާ އަކީ ފޭރުމުގެ މައްސަލައަކާ ގުޅިގެން ބަންދުކޮށްފައި ހުރި އަންހެނެކެވެ.
އެ އަންހެން މީހާގެ މަރާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ވަގުތުން ފެށިގެން އަދި ދޫނިދޫގައި ބަންދުކޮށްފައި ހުރި މުއްދަތުގައި އޭނާއަށް ލިބިދޭން ޖެހޭ އެންމެހާ ހައްގުތަކާއި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެންމެހާ ހިދުމަތްތައް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން އޭނާ ޑޮކްޓަރަށް ދައްކައި ފަރުވާދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، އެ އަންހެން މީހާ މަރުވި މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން، އެ އަންހެން މީހާގެ ހަށިގަނޑުގެ އޮޓޯޕްސީއެއް ހެދުމާ ބެހޭ ގޮތުން އާއިލާއާ މަޝްވަރާކޮށްދިނުމަށްވެސް އެ ދެ ކޮމިޝަނުގައި އެދިފައިވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ދޫނިދޫ ޖަލަކީ، ފުލުހުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރާ މީހުން ބައިތިއްބާ ޖަލެވެ. އެ ޖަލު ބަލަހައްޓަނީ ވެސް ފުލުހުންނެވެ.