ތެހެރާން (ޖަނަވަރީ 15) : އީޜާނުން މިއަދު ޖައްވަށް ފޮނުވި ސެޓަލައިޓް އޭގެ އޯބިޓަށް ވާސިލްވުމުގައި ނާކާމިޔާބުވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ފަޒާގެ ދިރާސާތަކާ ބެހޭ އީޜާނުގެ އިމާމް ޚުމައިނީ މަރުކަޒުން ބުނީ "ބިޔާމް"ގެ ނަމުން ނަންދީފައިވާ އެސެޓަލައިޓް ޖައްވުގެ މަތީ އޯބިޓްތަކަށް ވާސިލު ވުމުގައި ނާކާމިޔާބު ވެފައިވާ ކަމަށާއި އެހެން ދިމާވީ އެ ސެޓަލައިޓް ފޮނުވުމަށް ބޭނުން ކުރި ދުރުރާސްތާގެ ރޮކެޓްގެ ސްޕީޑް އެންމެ ފަހުވަގުތު ދަށްވުމުންނެވެ. ރޮކެޓްގެ ސްޕީޑް ދަށްވީ އޭގެ އެންމެ ފަހުގެ މަރްހަލާގައި ކަމަށާއި އޭގެ ފުރަތަމަ މަރްހަލާއާއި ދެވަނަ މަރްހަލާ ކާމިޔާބުކަމަށް ވެސް އިމާމް ޚުމައިނީ ސްޕޭސް ސެންޓަރުން ނެރުނު ބަޔާނެއް ބުނެ އެވެ.

އީރާނުގެ ކޮމިއުނިކޭޝަނާބެހޭ ވަޒީރު މުހައްމަދު ޖަވާދު ޖަހްރަމީ ވެސް ވަނީ އީޜާނުން މިއަދު ޖައްވަށް ފޮނުވި ސެޓަލައިޓް އޭގެ އޯބިޓަށް ވާސިލް ނުވާކަމަށް ވިދާޅުވެފަ އެވެ. މިއީ ޖައްވީ ރޮކެޓްގެ ފަންނީ މައްސަލައެއް ކަމަށާ ލިބުނު ތަޖްރިބާގެ އަލީގައި ރޮކެޓް ވަރުގަދަކޮށް އޭގެ ސްޕީޑް ވަރުގަދަކުރާނެކަމަށް ޖަހްރަމީ ވިދާޅުވި އެވެ.

އީރާނުން ވަނީ އަންނަ ހަފްތާގައި "ދޯސްތީ"ގެ ނަމުގައި އިތުރު ސެޓަލައިޓެއް ޖައްވަށް ފޮނުވަން ވެސް ނިންމައިފަ އެވެ. ނަމަވެސް މިއަދުގެ ސެޓަލައިޓަށް ކުރިމަތިވި ފަންނީ މައްސަލައާ ގުޅިގެން ދެވަނަ ސެޓަލައިޓް ފޮނުވުން ވަނީ މަޑުޖައްސާލައިފަ އެވެ. އީޜާނުން މިއަދު ޖައްވަށް ފޮނުވި ސެޓަލައިޓް އޭގެ އޯބިޓަށް ވާސިލް ނުވެ ޖައްވަށް ދޫވެފައި ވުމުން އޭގެ ބޭނުން ނުކުރެވޭނެކަމަށް އެ ގައުމުގެ ސައެންސްޓިސްޓުން ބުނެ އެވެ.

އީޜާނުން ފުރަތަމަ ޖައްވަށް ސެޓަލައިޓެއް ފޮނުވާފައި ވަނީ 2009 ވަނަ އަހަރު އެވެ. އެއަށް ފަހު ހަތަރު ސެޓަލައިޓް ޖައްވަށް ފޮނުވާފައިވާ އިރު މިއަދު މިފޮނުވީ އެއަށް ވުރެ ފެންވަރުމަތީ ޖީލެއްގެ ސެޓަލައިޓެކެވެ. އެއީ ޖައްވުގެ ވަރަށް ދުރުގައިވާ އޮބިޓަކަށް ފޮނުވި ސެޓަލައިޓެކެވެ.

އީޜާނުން ޖައްވަށް ސެޓަލައިޓް ފޮނުވާފައި މިވަނީ އެކަން ނުކުރުމަށް އެމެރިކާ އިންޒާރު ދީފައިވަނިކޮށެވެ. އީރާނުން ވަނީ ޖައްވަށް އިންސާނަކު ފޮނުވުމަށް ތަޖުރިބާ ކުރުމުގެ ގޮތުން ރާމާ މަކުނެއް ޖައްވަށް ފޮނުވައިފަ އެވެ. އީރާނުން އެސްޓްރޮނޯޓަކު ޖައްވަށް ފޮނުވަން ރާވާފައި ވަނީ 2023 ވަނަ އަހަރު އެވެ. (ނޫސްއެޖެންސީތައް)