ގަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި މަސައްކަތް ކުރަމުން ދިޔަ 59 ބިދޭސީއަކު ހޯދައި އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

އައްޑޫ ޕޮލިސް ސްޓޭޝަނުން މިއަދު ބުނީ ރޭ މާލެ ފޮނުވާ ގޮތަށް ފުރަތަމަ ހަމަޖެހިފައި އޮތީ 60 ބިދޭސީއަކު ކަމަށާއި ނަމަވެސް އެތަނުން އެކެއްގެ ޑޮކިއުމަންތައް އޭނާ ހަމަކުރުމުން މާލޭ ފޮނުވާލީ 59 ބިދޭސީން ކަމަށެވެ.
އިމިގްރޭޝަނާ ގުޅިގެން އައްޑޫ ފުލުހުން އިއްޔެ ކުރިއަށްގެން ދިޔަ އޮޕަރޭޝަނެއްގައި އައްޑޫ ސިޓީގެ ހުރިހާ ރަށެއް ބަލައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ.

މި އަހަރުގެ މެދުތެރޭގައި ވެސް ވަނީ އައްޑޫ ސިޓީގައި ގަވައިދާ ހިލާފަށް މަސައްކަތްކުރަމުން ދިޔަ ބިދޭސީންގެ އުނދަގޫ ބޮޑުވެ، ރައްޔިތުން އެކަމާ ޝަކުވާ ކުރުމާ ގުޅިގެން އެ ބިދޭސީން ހޯދުމަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 12 ބިދޭސީއަކު ހޯދައި، މާލެ ގެނެސްފަ އެވެ.

މާލެ އާއި އައްޑުއާ ދޭތެރޭ ދަތުރުކުރާ ބޯޓުތަކުން އައްޑުއަށް ގިނަ އަދަދެއްގެ ބިދޭސީން ދާ ކަމަށް އައްޑޫ މީހުން ބުނެ އެވެ.

ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދުމުގެ ދެބުރެއް އައްޑޫގައި ފެށި އިރު ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެވަރަށް އެ މަސައްކަތް ނުކުރާ ކަމަށް ބައެއް މީހުން ބުނެ އެވެ.

އަންނަ ނޮވެމްބަރު މަހު އައްޑޫ ސިޓީގައި ސާކް ސަމިޓް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.