ހެލްތު މިނިސްޓްރީ ހިންގާ އިމާރާތުގައި މަދިރި ބޭސް ފުޅިއެއް ފަޅައިގެން ގޮސް ލީކުވެފައިވާތީ އެ ސަރަހައްދުގެ ގޭތަކުގެ ދޮރުތައް ލައްޕާފައި ބަހައްޓަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުން މިއަދު ހެލްތު މިނިސްޓްރީގައި ހުރި ވައި ގޮޅިއެއްގައި ހުރި ކެމިކަލް ފުޅިތަކެއްގެ ތެރޭން މަދިރި ބޭސް ހުރި 40 ފުޅިއަކުން ވަނީ ލީކުވެފަ އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ގެތަކުގެ ދޮރު ލައްޕާފައި ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ކެމިކަލުގެ އަސަރު ކޮށްފި ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މަދިރިބޭސް ކަމަށްވާ މެލިތިއޯންގެ އަސަރުކޮށްފި ނަމަ ކެއްސާއި ނޭވާލާން އުނދަގޫ ވުމާއި ލޮލުން ފެން އައުމާއި ލޯ ފުސްވުން އަދި ބޮލުގައި ރިއްސާ ބޯއެނބުރުން އަދި މޭނުބައިކޮށް ހޮޑުލެވުން ފަދަ ކަންކަން ދިމާވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކެމިކަލްގެ އަސަރުކޮށްގެން މިއަދު ހެލްތު މިނިސްޓްރީގެ ދެ މުވައްޒަފަކު ވަނީ އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ބައެއް ސްޓާފުންގެ ބޯ އަނބުރާ ހޮޑުލެވި ކަންކަން ވެފައިވާތީ ސިއްހީ ފަރުވާ ދީފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މިހާރު އެމްއެންޑީއެފުން ވަނީ ކެމިކަލް ލީކުވުން ހުއްޓުވައިފަ އެވެ.