ދ. މާއެނބޫދޫ ކައުންސިލްގެ ރައީސް މާގާމުން އިސްތިއުފާދެއްވައިފި އެވެ.

މާއެނބޫދޫ ކައުންސިލްގެ ނައިބު ރައީސް އިސްމާޢީލް ރަޝީދު މިއަދު ވިދާޅުވީ އެ ކައުންސިލްގެ ރައީސް އަބްދުއްރަޝީދު ހުސެއިން ރައީސް ކަމުގެ މަގާމުން އިސްތިޢުފާ ދެއްވިކަން އަންގަވައި އިއްޔެ އެކައުންސިލަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އިސްތިޢުފާދެއްވި ސަބަބެއް ކަމުގައި ސިޓީގައި ބަޔާންކޮށްފައި ވަނީ ކައުންސިލްގެ މަސައްކަތްތައް ހުރި ގޮތުން ކައުންސިލް ހިންގުމުގައި އުނދަގޫވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ސިޓީގައި ބަޔާން ކުރައްވާފައި ވަނީ އެންމެ ޝަރުތެއް އެއީ ކައުންސިލް ހިންގުމަށް ދަތިވާ ވާހަކަ،" އިސްމާޢީލް ރަޝީދު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ކައުންސިލްގެ ރައީސް އިސްތިޢުފާ ދެއްވިކަން އަތޮޅު ކައުންސިލަށާއި ގައުމީ އިދާރާއަށް މިހާރު އަންގަވާފައިވާ ކަމަށެވެ.

ކައުންސިލްގެ ރައީސް ކަމުގެ މަގާމުން އިސްތިޢުފާ ދެއްވާފައިވާ އަބްދުއްރަޝީދު ހުސެއިން މިއަދު ވިދާޅުވީ އެކަމާ ބެހޭ ގޮތުން އަދި އެއްވެސް އެއްޗެއް ވިދާޅުވާން ބޭންފުޅުނުވާ ކަމަށެވެ.

ޢަބްދުއްރަޝީދު ހުސެއިން މާއެނބޫދޫ ކައުންސިލް އަށް ހޮވިވަޑައިގެންފައި ވަނީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ. ޢަބްދުއްރަޝީދުގެ އިތުރުން މާއެނބޫދޫގެ ކައުންސިލްގައި ދެން ހިމެނެނީ އަމިއްލަ ދެ މެންބަރުންނާއި އެމްޑީޕީގެ ދެ މެންބަރުންނެވެ.