ހެލްތް މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގްގެ ވައި ގޮޅީގައި ހުރި މަދިރި ބޭސްފުޅިތަކުގެ ތެރެއިން ފުޅިއަކުން މަދިރި ބޭސް ލީކުވެގެން އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ އިމާރާތުގައި މަދިރި ބޭސްފުޅިއަކުން ލީކެއްވެގެން އެތަނުގެ ބައެއް މުވައްޒަފުން ހޭނެތުނުކަން 'ސަން' އަށް ވަނީ އެނގިފައެވެ. އެ ދެމީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.

އެމްއެންޑީއެފުން ބުނީ 40 ފުޅި މަދިރި ބޭސް ލީކުވި ކަމަށެވެ. މަދިރި ބޭސްފުޅިތަކެއް ލީކެއް ވެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކެމިކަލް ބަހައްޓާފައި ހުރި ތަނުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ޜޯޝަނީ ބިލްޑިންގްއާއި މަޖީދިއްޔާ ސްކޫލު މިހާރު ވަނީ ހުސްކޮށްފައެވެ.

އެތަނުގެ މުވައްޒަފަކު ބުނިގޮތުން ތަނުން ވަހެއް ދުވާތީ މުވައްޒަފުންނަށް ތިބުމަށް ވަނީ އުނދަގޫވެފައެވެ. އެމްއެންޑީއެފުން ދަނީ އެ އިމާރާތުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ ބޭސް ލީކުވުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.