05 Oct 2011, 12:03
ވިހިހާސް ރުފިޔާގެ ކޮމިޓީ އެލަވަންސްގެ މައްސަލައިގައި ބައެއް މަދަނީ ޖަމިއްޔާތަކާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި އިމްތިޔާޒުގެ މައްސަލައަށް ވާހަކަ ދައްކަވަން ބޭނުންވާ މެންބަރުންނަށް ފުރުސަތު ދިނުމަށް ފާސްކޮށް އެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދަން ފަށައިފިއެވެ.
މި މައްސަލައިގައި، މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ މެންބަރުންގެ އިތުރުން އެހެން މެންބަރުންނަށް ފުރުސަތުދޭން ފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 16 މެންބަރުން ވަނީ ފެންނަކަމަށް ވޯޓު ދެއްވައިފައެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވައި ނުވަ މެންބަރުން ތިއްބެވިއެވެ.
މަޖިލީހުގެ ގަވައިދު ބުނާގޮތުން އިމްތިޔާޒުގެ މައްސަލައިގެ ބަހުސްގައި ފުރުސަތު ދޭންޖެހޭނީ މައްސަލަ ހުށަހަޅާ މެންބަރުގެ އިތުރުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށާއި، އަމިއްލަ މެންބަރުންގެ ތެރެއިން ކަނޑައަޅާ އެއް މެންބަރަކަށެވެ. ނަމަވެސް އެހެން މެންބަރުންނަށް ވެސް ފުރުސަތު ދީގެން ބަހުސް ކުރިއަށް ގެންދަން ފެނޭތޯ، މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވޯޓަކަށް އެއްސެވީ، މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި އެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ކުރެއްވި މަޝްވަރާ ތަކުންވެސް ގޮތެއް ނުނިންމިގެންނެވެ.
މަދަނީ ޖަމްއިއްޔާތަކުގެ ނަމުގައި ބަޔަކު މީހުން މަގުމައްޗަށް ނިކުމެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ގަދަރާއި ކަރާމާތް ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާކަމަށް ވިދާޅުވެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އެ މައްސަލައާ ބެހޭގޮތުން ބައެއް މެންބަރުން ވިދާޅުވީ އެ މައްސަލައަކީ ހުރިހާ މެންބަރުންނާ ގުޅުން ހުރި މައްސަލައެއް ކަމަށެވެ. އެހެންކަމުން ގަވާއިދުގައި ކޮންމެ ގޮތަކަށް ބުނި ނަމަވެސް އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަން ބޭނުން ކޮންމެ މެންބަރަކަށް ފުރުސަތު ލިބެންޖެހޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ސިޔާސީ ޕާޓީތަކުގެ މެންބަރުން ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންފައި ނުވާތީ، އެމްޑީޕީގެ މެންބަރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އިއްޒަތާއި އަބުރު ރައްކާތެރި ކުރުމަށް ޕާޓީތަކުގެ ލީޑަރުން ނުކުޅެދިފައިވާ ކަމަށެވެ.