ވޮޝިންޓަން (ޖަނަވަރީ 15) : ތުރުކީގެ އިގްތިސާދު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު އަނެއްކާ ތުރުކީގެ އިގްތިސާދު އިތުރަށް ބިނާކޮށް ވަރުގަދަކޮށް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެ ވަޑައިގެންފިއެވެ.

ޓްރަމްޕްގެ އިންޒާރަށްފަހު ޓްރަމްޕް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ތުރުކީގެ އިގްތިސާދު ހަލާކުކޮށްލާނެ ކަމަށް ދެއްވި އިންޒާރު އަނބުރައި ގެންނަވައިފި ކަމަށާ އޭގެ ބަދަލުގައި ތުރުކީގެ އިގްތިސާދު އިތުރަށް ބިނާކޮށް ވަރުގަދަކޮށްދޭނެ ކަމުގެ ޔަގީންކަން އުރުދުޣާން އަށް ދެއްވާ ކަމުގައެވެ.

ތުރުކީގެ އިގްތިސާދު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވީ ސޫރިޔާގެ ކުރުދީން ޖަމާއަތްތަކަށް ތުރުކީން ޙަމަލާދީފިނަމަ ނުވަތަ އެޖަމާއަތްތަކާ ދެކޮޅަށް ތުރުކީ ހަނގުރާމަ ފަށައިފި ހާލަތެއްގައެވެ. ޓްރަމްޕްގެ އިންޒާރަށް ރައްދު ދިނުމުގެ ގޮތުން ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވްޝް އޮގްލޯ ވިދާޅުވީ އެމެރިކާގެ އެއްވެސް އިންޒާރަކަށް ތުރުކީވިލާތް ނުސިހޭނެ ކަމާއި އެމެރިކާ ސޫރިޔާއިން ފޭބިޔަސް އަދި ނުފޭބިޔަސް އެމެރިކާގެ ތާއީދު ލިބިފައިވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަޅައި އެޖަމާއަތްތައް ބަލިކޮށްލާނެކަން އެމެރިކާއަށް އަންގާފައި ޥާނެކަމުގައެވެ. އަދި ތުރުކީގެ އިގްތިސާދު ހަލާކޮށްލި ނަމަވެސް ޓްރަމްޕަށް އެމެރިކާގެ މަގްސަދުތައް ޙާސިލް ނުކުރެވޭނެ ކަމަށާ ޓްރަމްޕާއި އެމެރިކާގެ މަސްއޫލުވެރިން ދެއްވާ އެކިއެކި އިންޒާރުތަކާއި ދައްކަވާ ބިރުތައް މިހާރު ބޮޑު ޖޯކަކަށް ވެފައިވާ ކަމަށްވެސް އޮގްލޯ ވިދާޅުވިއެވެ.

ޓްރަމްޕަށް ރައްދު ދެމުން ތުރުކީގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެރަރިސްޓުންނާ ގުޅުންތައް ބާއްވައިގެން ތުރުކީ ބައިވެރިއެއްގެ ގޮތުގައި އެމެރިކާއަށް ނޯވެވޭނެ ކަމަށާ އެމެރިކާއަށް އޮތީ ބައިވެރިއެއްގެ ގޮތުގައި ތުރުކީ ނޫނީ ސޫރިޔާގެ ކުރުދީ ޖަމާއަތްތައް މިދެ ފަރާތުންކުރެ ފަރާތެއް އިޚްތިޔާރުކުރުން ކަމުގައެވެ.

ތުރުކިގެ ރައްދުތަކާއެކު ޓްރަމްޕްވަނީ އުރުދުޣާން އަށް ފޯނުކުރައްވައި އޭނާގެ އިންޒާރު އަނބުރައި ގެންނެވި ކަން އުރުދުޣާންއަށް ދަންނަވާފައެވެ. އަދި ތުރުކީގެ އިގްތިސާދު އިތުރަށް ބިނާކޮށް ވަރުގަދަކޮށްދޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. (އަލްޖަޒީރާ)