ރާއްޖެ އިން އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް އަމާޒުހިފާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަބޫދާބީގެ ވަލީ އަޙުދު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، އެ ގައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ޔޫއޭއީގެ މިނިސްޓަރު އޮފް އެނާޖީ އެންޑް އިންޑަސްޓްރީ ޞުޙައިލް މުޙައްމަދު ފަރަޖް އަލް މަރްޒޫޢީ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުން ކަމަށް ރައީސް އޮފީހުން ނެެރުނު ބަޔާނެއްގައި ބުންޏެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޔޫއޭއީގެ އެނާޖީ މިނިސްޓަރު ވިދާޅުވީ އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތަކުގައި ޔޫއޭއީގެ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ އިޢާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ އަގު ފާއިތުވި އަހަރުތަކުގައި ހެޔޮވަމުން އަންނަކަން ފާހަގަކުރައްވައިފަ އެވެ.

ޔޫއޭއީގެ އެނާޖީ މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގައި އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެކަމުގެ އުންމީދު އެބައޮތްކަމަށް ވިދާޅުވެ، އެ ގައުމުން މިކަމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވައިފަ އެވެ.