ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔޫއޭއީގައި ތިބި ދިވެހިންނާ ބައްދަލު ކުރައްވައިފި އެވެ.

މިހާރު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔޫއޭއީގައި ތިބި ދިވެހިންނާ ބައްދަލުކޮށް ރައީސް ސޯލިހް ވިދާޅުވީ، ރަނގަޅު ތައުލީމާއި ތަމްރީނު ހޯދައިގެން ނުކުންނަ ދިވެހީންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ވަޒީފާތައް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"އެމިރޭޓްސްގައި ގިނަ އަދަދެއްގެ ދިވެހި ފަންނުވެރިން ވަޒީފާ އަދާކުރާ ކުރުމުން ދައްކުވައިދެނީ، ރަނގަޅު ތަޢުލީމާއި ތަމްރީނު ހޯދައިގެން ނުކުންނަ ދިވެހީންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ވަޒީފާތައް ލިބުމުގެ ފުރުޞަތު އޮތްކަން،" ޔޫއޭއީ ގައި ތިބި ދިވެހިންނާ މިރޭ ބައްދަލުކޮށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ޔޫއޭއީގައި ތަފާތު އެކި ދާއިރާތަކުގައި ދިވެހީން ވަޒީފާ އާދަކުރރަމުންދާ ކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، ބައިނަލްއަޤްވާމީ އެފަދަ ވަޒީފާތަކުގައި ހަރަކާތްތެރި ވުމަށްޓަކައި ބޭނުންވަނީ ކެރުމާއި ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުން ކަމަށެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި ހާރިޖީ ސިޔާސަތުގެ މައްޗަށް ވަނީ އަލިއަޅުއްވައިލެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެގެން ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ ޤާނޫނީ ހަމަތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ހަމަޔާއި އިންޞާފަށް ބޯލަނބާ ކޮންމެ ޤައުމަކާއެކު ގުޅުން ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ދިވެހީންނަށް 30 ދުވަހުގެ އޮންއެރައިވަލް ވިސާ ޔޫއޭއީގެ ސަރުކާރުން ހަމަޖައްސަވައިދެއްވުމުން އެކަން ފާހަގަކޮށް، ރައީސް ސޯލިހް ޔޫއޭއީގެ ސަރުކާރަށް ޝުކުރު އަދާ ކުރެއްވިއެވެ. މީގެ އިތުރުން ގަލްފުގެ އެހެން ގައުމުތަކުންވެސް އެ ލުއިފަސޭހަކަން ލިބޭތޯ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް އެ ގައުމަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެގައުމުގެ ވަލީއަހުދާ ބައްދަލުކޮށް ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާފައެވެ.

އަދި އޭގެ އިތުރުން އެމަނިކުފާނު ވަނީ، މިއަދު އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް ހަތަރު ދާއިރާ އަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ "ޒައިދް ސަސްޓެއިނަބިލިޓީ ޕަރައިޒް" އެވޯޑް ހަފްލާ އާއި އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.