ރައީސް ސޯލިހް ޔޫއޭއީގެ ވަލީއަހުދު އަދި ޑެޕިޔުޓީ ސުޕްރީމް ކޮމާންޑާ އޮފް ދި އާމްޑް ފޯސަސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން އާ ބައްދަލުކުރައްވައިފި އެވެ.

މި މަޝްވަރާތައް އޮތީ، މިއަދު އަބޫދާބީގައި ބޭއްވި ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑް ހަފުލާގެ ކުރިން ދެ ބޭފުޅުން ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތަފާތު އެކި ދާއިރާތަކުން ދެގައުމު ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ޔޫއޭއީ އިން އަބަދުވެސް ރާއްޖެއަށް އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރު ކޮށްދެމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެ ޤައުމުގެ ވަލީއަހުދު ރައީސް ސޯލިހް އަށް ދެއްވިއެވެ.

އަދި ހާއްސަ ގޮތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ޔޫއޭއީގެ ވަލީއަހުދު ފާޅު ކުރެއްވިއެވެ.

ރައީސް ސޯލިހް މިއަދު އެ ގައުމުގެ ވަލީ އަހުދު އާ ބައްދަލު ކުރެއްވި އިރު، މިއަދު އެމަނިކުފާނު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް ހަތަރު ދާއިރާ އަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރައީސް ސޯލިހް އެ ގައުމަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ "ޒައިދް ސަސްޓެއިނަބިލިޓީ ޕަރައިޒް" އެވޯޑް ހަފްލާ އާއި އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.