15 Jan 2019, 01:02
ހަތަރު ދާއިރާއަކުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއާ މެދު ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން މިނިސްޓަރު ޝެއިޚް އަބްދުﷲ ބިން އަލް ނަހްޔާން އާ މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ޔުއޭއީގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖެއާ ޔޫއޭއީއާ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
އެގޮތުން އެނާ ވަނީ، ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި، އިޔާދަކުރަނިވި ހަކަތަ އުފެއްދުމާ އަދި ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު ރައީސް ސޯލިހް އާ މަޝްވަރާ ކުރައްވާފައެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭގޮތުން އަޑު އުފުލާ ގައުމެއްކަމަށެވެ. އަދި މިކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި ރާއްޖެއިން ދޫކުރާ ކާބަންޑައިއޮކްސައިޑް މަދުކުރުން މުހިންމުކަމުގައި އެނާ ފާހަގަކުރެއްވިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓާރާ ބައްދަލުކުރައްވައި ރައީސް ސޯލިހް ވިދާޅުވީ، ޒައިދު ސަސްޓެއިންބިލިޓީ އެވޯޑް ހަފްލާގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއްކަމަށާއި ސަސްޓެއިނަބިލިޓީ އެވޯޑްސް ހަފްލާގައި ދައްކާލާފައިވާ ޕްރޮޖެކްޓުތަކުން ރާއްޖެއަށް ފައިދާހުރި ފިލާވަޅުތަކެއް ލިބިގެން ދާނެ ކަމަށެވެ.
އަދި 2015 ވަނަ އަހަރު އައްޑޫ ހައި ސްކޫލުން ޒައިދު ފިއުޗާ އެނާޖީ ޕްރައިޒް ހާސިލުކޮށްފައިވާކަން މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.
ރޭ އަބޫދާބީ އަށް ރައީސް ސޯލިހް ވަޑައިގެންނެވީ، "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް، މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށެވެ.