15 Jan 2019, 00:36
ރާއްޖެއިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އެނާޖީ އެންޑް އިންޑަސްޓަރީ މިނިސްޓަރު ސުހައިލް މުހައްމަދު ފަރަޖް އަލް މަރްޒޫއީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަރްޒޫއީ މިހެން ވިދާޅުވީ، މިހާރު ރައީސް ސޯލިހް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން މިއަދު ކުރެއްވި ބައްދަލުވުމުގެ ތެރެންނެވެ.
މިއަދު ރައީސް ސޯލިހްއާ ބައްދަލު ކުރައްވައި މަރްޒޫއީ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ތަކުގައި އެގަމުގެ ފަރާތުން އެހީތެރިކަން މިހާރުވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށާއި ރާއްޖޭގެ ފަރާތުން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތުގައި އެ ގައުމުގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މަރުޒޫއީ ވިދާޅުވި ގޮތުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ އަގު ފާއިތުވި އަހަރުތަކުގައި ހެޔޮވަމުން އަންނަ ކަމަށެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ރާއްޖެއިން އާމާޒުހިފާފައިވާ ކަމަށެވެ.
ރޭ އަބޫދާބީ އަށް ރައީސް ސޯލިހް ވަޑައިގެންނެވީ، "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް، މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށެވެ.