ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވިހި ހާސް ރުފިޔާގެ ކޮމިޓީ އެލަވަންސް ދިނުމާ ދެކޮޅަށް ބައެއް މަދަނީ ޖަމްއިއްޔާތަކުން ހިންގި އަމަލުތައް ކުށްވެރިކޮށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިމްތިޔާޒުގެ މައްސަލަ ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވީ، މެންބަރުންނަށް ވިހިހާސް ރުފިޔާގެ ކޮމިޓީ އެލަވަންސް ދޭން މަޖިލީހުން ފާސް ކުރުމާ ގުޅިގެން މަދަނީ ޖަމިއްޔާތަކުގެ ނަމުގައި ބަޔަކު މަގުމައްޗަށް ނުކުމެ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މެންބަރުންގެ އަބުރާއި އިއްޒަތާ ކަރާމާތް ނަގާލުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވާތީ އެކަމާ އިހްތިޖާޖު ކުރުމުގެ ގޮތުން އެ ގަރާރު ހުށަހެޅުއްވީ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަކީ ގާނޫނު އަސާސީގެ ބާރުތަކަށް ބަލާއިރު ރާޖޭގައި މިއޮތް ރިޔާސީ ނިޒާމުގެ ތިން ބާރުގެ ތެރެއިން އެއްބާރު. މަޖިލީހުގެ އަބުރާ އިއްޒަތް ނަގައިލުމަށް ކަރުންތިރި އަންހެނުންގެ ގޮތުގައި ހަދައިގެން މުޅި މާލޭގައި މެންބަރުންގެ ފޮޓޯ ހިއްޕަމުން ދިޔައިރު އެއްޗެކޭބުނާނެ ފަރާތެއް ނުވި،"ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ވިޔަސް އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ނުވާގޮތެއްގެ މަތިން މެންބަރަކު ދައްކާ އެއްވެސް ވާހަކައަކާމެދު ނުވަތަ އަމަލުކުރާ ގޮތެއްގެ ސަބަބުން އެމީހަކާ ދޭތެރޭ ތަހްގީގުކޮށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ބުނާކަމަށެވެ. ނަމަވެސް މަޖިލީހުން ނިންމި ނިންމުމަކާ ގުޅިގެން މެންބަރުންގެ އަބުރު ނަގާލުމަށް ބަޔަކު ހިންގާފައިވާ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށް ވެސް ރިޔާޒު ވިދާވި އެވެ.

އަދި މަދަނީ ޖަމިއްޔާތަކުގެ ނަމުގައި ހިންގި އެ އަމަލުތަކަށް މަޖިލީހުން ފިޔަވަޅު އަޅާފައި ނުވާތީ، މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދަށް ފާޑު ވިދާޅުވަމުން ރިޔާޒު ރަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަދަރާއި އިއްޒަތް ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާކަމަށެވެ.
"މަޖިލީހުގެ ރައީސަށާއި ނާއިބު ރައީސަށް ނިޝާނާ ދިދަ ޖެހި ކާރަކާ އެއްޗެހި ދީފަ ވަނީ އެ ބޭފުޅުންގެ ޝަރަފާ ގަދަރަށްޓަކައެއް ނޫން. އަޅުގަނޑުމެން ހިމާޔަތް ކުރުމަށް. ނަމަވެސް އަޅުގަނޑު މިދެންނެވި މުއްދަތުގައި އެ ދެ ބޭފުޅުން ވީތަނެއް ވެސް ނޭނގެ. ދެން ކަން ބޮޑުވާ ކަމަށްބުނެ މަޖިލީޙުން ނެރުނީ ލޯބީގެ ސިޓީއެއް ގޮތަށް ވަރަށް ފިނި ބަޔާނެއް. އެކަން ކުރާކަށް ނޫން ރައީސާއި ނާއިބު ރައީސް ހޮވީ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، ގާނޫނެއް ނެތިއްޔާ ގާނޫނެއް ހަދައިގެން ނަމަވެސް މަޖިލީހުގެ ގަދަރާއި އަބުރު ހިފެހެއްޓުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ކޮމިޓީ އެލަވަންސްގެ މައްސަލައިގެ އަސްލު ގެއްލޭގޮތަށް ބައެއް މީޑިޔާތަކުން ވެސް މައުލޫމާތު ފަތުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި އެމީހެއްގެ ޒާތީ މިނިވަންކަމާއި ދިރިއުޅުމުގެ ވާހަކަ އެބައޮވޭ. އެހެންކަމުން އަޅުގަނޑުމެންގެ އަބުރު ނަގާލުމަށް އެއްވެސް ބަޔަކަށް މަސައްކަތެއް ނުކުރެވޭނެ. އަޅުގަނޑުމެން ރައްޔިތުންނަށް ހިޔާނާތްތެރިވެފައެއް ނޯންނާނެ. ހެވާ ލާބަހުރި ކަންކަން ކޮށްފަ ވާނީ. ތާރީހަށް ބެލިއަސް 17 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެއްމެ ނަތީޖާ ރަނގަޅު މަޖިލިސް ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއްލިބޭ ވަސީލަތްތައް ވެސް ގާއިމްކޮށްދީފައިވަނީ މަޖިލީހުން." ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިމޮކްރެޓިކް މި ނިޒާމުގައި ކަންކަން ކުރަންޖެހޭނީ ޑިމޮކްރެޓިމް އުސޫލާ އެއްގޮތަށް ކަމަށެވެ. އެގޮތުން މަޖިލީހުން ނިންމާ ނިންމުމެއްގެ ސައްހަކަމާމެދު ސުވާލު އުފެދޭނަމަ ދާންޖެހޭނީ ސުޕްރީމް ކޯޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ބަދަލުގައި މަޖިލީހުގެ މެންބަރުންގެ ފޯނު ނަންބަރު އެނގޭ ގޮތަށް އެކި ގޮތްގޮތަށް މަޖިލީހުގެ މެންބަރުންގެ ފޮޓޯ މާލޭގެ އެކި ތަންތަނުގައި ހިއްޕާފައި ވަނީ ބަޔަކު ގަސްތުގައި އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފުވުމުގެ ގާނޫނާ ހިލާފަށް މެންބަރުންގެ އަގު ވައްޓާލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައަށް ވާހަކަ ދައްކަވަމުން އެކަންކުރި ފަރާތްތައް ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށް ވެސް ރިޔާޒު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
"އެ މައްސަލައިގަ އެމީހުން މަގުމައްޗަށް ނުކުމެ މެންބަރުންގެ ގަޔަތް އަތްލާ ހިސާބަށް ދިޔަ. މި މުއައްސަސާ ހިމާޔަތް ކުރުމަށް މަޖިލީހުގެ ރައީސަށާއި ނާއިބު ރައީސަށް އަޅުގަނޑު ގޮވައިލަން. އަދި މި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ފޮނުވައިގެން ބަލަންޖެހޭ ކަންތައްތައް ބަލައި ދިރާސާ ކުރުމަށްފަހު މަޖިޅީހަށް ފޮނުވުމަށާއި، ފުލުހުންނަށް އެ މައްސަލަ ފޮނުވައިގެން ތަހުގީގު ކުރުމަށް ވެސް ހުށަހަޅަން" ރިޔާޒު ވިދާޅުވި އެވެ.

މި އިމްތިޔާޒުގެ މައްސަލައާމެދު ބަހުސް ކުރުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 28 މެންބަރުން ވޯޓު ދެއްވައިގެން ބަހުސް ކުރިއަށް ގެންދިއުމަށް ފާސްކުރި އެވެ. މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

ނަމަވެސް ބަހުސްގެ މަރުހަލާގައި، މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށާއި އަމިއްލަ މެންބަރުންގެ ތެރެއިން މެންބަރަކަށް ފަސްމިނެޓް ފުރުސަތު ދެއްވުމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ނިންމެވުމުން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެގެން އެކަމާމެދު ގޮތެއް ނިންމުމަށް ޖަލްސާ މެދު ކަނޑުއްވައި ލެއްވި އެވެ.

މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނީ، އެ މައްސަލައަށް ބަހުސް ކުރުމަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ވަގުތު ދެއްވުމަށް ރިޔާޒު ރަޝީދު ހުށަހެޅުއްވުމުން ވެސް މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެކަން އެގޮތަށް ހަމަ ނުޖެހޭނެ ކަމަށް މަޖިލީހުގގެ ރައީސް ވިދާޅު ވުމުންނެވެ. އަދި ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ޑީއާރްޕީގެ ލީޑަރު ކެންދޫ ދާއިރާގެ އަހްމަދު ތަސްމީން އަލީ އެ މައްސަލައަށް ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އެ މައްސަލައިގައި ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި ރިޔާޒު ރަޝީދުގެ އިތުރުން ވައިކަރަދޫ ދާއިރާގެ އަލީ އާރިފް ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ އެ މައްސަލައަކީ ހުރިހާ މެންބަރުންނާ ގުޅުންހުރި މައްސަލައެއްކަމުން ސިޔާސީ ޕާޓީގެ ލީޑަރުންނާ ވާހަކަ ދައްކަވައިގެން ނަމަވެސް އެ ފުރުސަތު މެންބަރުންނަށް ލިބެންޖެހޭނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ މެންބަރު މައްޗަށްގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެ މައްސަލައިގައި އެމްޑީޕީން ނެރެފައިވަނީ ފްރީ ވިޕެއް ކަމަށެވެ. އެ ޕާޓީގެ މެންބަރުންގެ މެދުގައި އެ މައްސަލައާމެދު ސުވާލު އުފެދިފައިވާ ކަމަށާއި އެ މައްސަލައަކީ އިމްތިޔާޒުގެ މައްސަލައެއްކަމަށް އޭނާ ދެކެ ވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ހިޔާލު ތަފާތުވުން ބޮޑުވުމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް 10:15 ގައި ޝާޙިދު 10 މިނިޓްގެ ބްރޭކެއް ނެގި ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އަދި އަލިމަގެއް ފެނިފައެއް ނުވެ އެވެ.