14:30


ޏ.ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ސައިކަލަކާ ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބައިސްކަލް ދުއްވަން އިން އުމުރުން 75 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.


ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އެރަށު ދޫޑިގަމު އަވަށު އަލި ދީދީ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. އަދި އޭނާގެ ބޮލުގެ ވާތްފަރާތުން ހަ ސެންޓި މީޓަރުގެ ތަނެއް ފަޅައިގެން ގޮސް އޭނާގެ ބޮލުގެ ނާށިގަނޑު ވެސް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައި ވަނީ އޭނާގެ ކަންފަތުންނާއި އަގައިންނާއި ނޭފަތުން ލޭފައިބާ ބަނޑަށް ވެސް ލޭގޮސްފައި ހުރުމުން ލޭމަނާކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.


ފުވައްމުލަކު ބަނދަރު ސަރަހައްދުން ޖަމާލުއްދީން ނައިބުތުއްތު މަގުން އެއްގަމަށް ދުއްވާފައިދިޔަ ބައިސްކަލަކާއި އެމަގުން ބަނދަރަށް ފައިބަން ދިޔަ ސައިކަލަކާ ޖެހިގެން ހިނގި މިއެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ފުވައްމުލަކު އުމުރުން 29 ދިވެހިގޭ ވިސާމް އަހުމަދަށް ވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި ކަމަށް މަޢުލޫމާތު ލިބެ އެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލަކުގައި ބާއްވާ އެތުލެޓިކްސް މީޓަށް ރަށުން ބޭރުން ޓީމެއް އަންނާތީ ގިނަ ޢަދަދެއްގެ އާންމުން ބަނދަރަށް އެއްވެފައިވާ ވަގުތެއްގައެވެ. އަދި އެވަގު ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔަކަމަށްވެސް މަޢުލޫމާތު ލިބެ އެވެ.