05 Oct 2011, 10:48
ބޭންކް އޮފް މޯލްޑިވްސް (ބީ އެމް އެލް)އާ އެކު ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކަކާ ގުޅިގެން އެ ބޭންކުން ހޯދަމުންދާ ކަސްޓަމަރުންތަކެއްގެ ފޮޓޯ އާއި މައުލޫމާތު ހިމެނޭ ޕޯސްޓަރުތަކެއް ބީއެމްއެލްގެ އޭޓީއެމްތަކުގައި ތަތްކޮށް އާންމުނަނަށް ފެންނަ ގޮތަށް ބަހައްޓައިފި އެވެ.
އޭޓީއެމްތަކުގެ ދޮރުފަތުގައި ހަރުކޮށްފައިވާ ޕޯސްޓަރުތަކުގައި ބީއެމްއެލް އަށް ފައިސާ ނުދައްކައިވާ 24 ކަސްޓަމަރެއްގެ މައުލޫމާތު އާންމުކޮށްފައިވެ އެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ތަތްކޮށްފައިވާ ޕޯސްޓަރުތަކުގައި އެ ކަސްޓަމަރުންގެ ޕާސްޕޯޓް ސައިޒްގެ ފޮޓޯ އާއި އެޑްރެސްގެ އިތުރުން ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑު ނަންބަރު ވަނީ ޖަހައިފަ އެވެ.
ޕޯސްޓަރުގައި ބުނެފައި ވަނީ ކަސްޓަމަރުންގެ ފޮޓޯ އާއި އައިޑީ ކާޑް ނަމްބަރު ހިމެނޭ މައުލޫމާތު އާންމު ކުރީ އެ ކަސްޓަމަރުން މިހާރު އުޅޭ އެޑްރެސް ބޭންކަށް ނޭނގޭތީ އާއި ބޭންކާ ގުޅުމެއް ނެތުމުން ކަމަށެވެ.
ބީއެމްއެލް އިން އާންމުކުރި ޕޯސްޓަރާ ބެހޭ މައުލޫމާތު ހޯދުމަށް އެ ބޭންކަށް ގުޅުމުން އިތުރު މައުލޫމާތު ދިނުމަށް ވަނީ އިންކާރުކޮށްފަ އެވެ.