އދ. ހަންޏާމީދޫ ސްކޫލުގެ ބެެލެނިވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ގްރޭޑް ހަތަރެއް އަދި ފަހެއް އެއް ކްލާހެއްގެ ގޮތުގައި ގުޅުވާލައިގެން މަލްޓިގްރޭޑުގެ ގޮތުގައި ކިޔަވައިދޭތީ އެކަމާ ހިތްހަމަނުޖެހިގެން ހަންޏާމީދޫ ސްކޫލުގެ ދަރިވަރުން ސްކޫލަކަށް ނުގެންދެއެވެ. ހަންޏާމީދޫ ސްކޫލުގެ ގްރޭޑް ހަތަރެއް އަދި ފަހެއްގައި ތައުލީމް ހާސިލް ކުރަމުން ދަނީ 18 ދަރިވަރުންނެވެ.

އެ ރަށުގެ ބެލެނެވެރިން ބޭނުން ވަނީ ގްރޭޑް ހަތަރެއް އަދި ފަހެއްގެ ކްލާސްތައް ވަކި ވަކީން ނަގައިދިނުމަށެވެ. އަދި އެކަމަށް ވަކާލާތު ކުރަމުންދާތާ މިހާރު ތިން އަހަރުވެފައިވާ ކަމަށާއި އަދި މިވީހާތަނަށްވެސް ހައްލެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުޑަ އާބާދީއެއްގައި މަލްޓި ގްޜޭޑް ސިސްޓަމަކަށް ކިޔަވައިދިނުމަކީ ވަރަށް އެކަށީގެންވާ ކަމެއް. ދެން އަޅުގަނޑުމެން މިހާރު މި ބަލަމުންދަނީ އެކަމުގައި ހުރި ކަންބޮޑުވުންތައް. އެ މައްސަލަ ހައްލުކުރުމަށް މިހާރު އެރަށަށް ވަނީ ޓީމެއްވެސް ފޮނުވާފައި،" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ،

ހަންޏާމީދޫ ސްކޫލުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނީ މަލްޓިގްރޭޑުކޮށް ކިޔަވައިދިނުމުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރު ދަށްވާ ކަމަށް ބުނެ އެވެ. އަދި ދެ އުމުރެއްގެ ދަރިވަރުން މައްސުނިވުމުން އުމުރާ ނުގުޅޭ ވާހަކަ ދެއްކުމާއި ސަކަރާތް ޖެހުން ބޮޑުވެފައިވާ ކަމަށް ބެލެނިވެރިން ބުނެ އެވެ.

ހަންޏާމީދޫ ސްކޫލުގައި 100 އެއްހާ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދެ އެވެ. އެ ސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 10 އަކާ ހަމައަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފަށާފައިވާ އިރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ސްކޫލުތަކުގައި މިއަދު ދަނީ ކިޔަވައިދެމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އާ ދިރާސާ އަހަރުގައި 73 ހާހަށް ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލު ކުރަމުންނެވެ.