14 Jan 2019, 16:24
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންތަކެއް އެތައް މިލިޔަން ރުފިޔާއަކަށް ޚިޔާނާތްތެރިވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ޚިޔާނާތުގެ ވާހަކަތައް ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައެވެ. ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވާހަކަތަކަށް ބަލާއިރު، ބޭންކުގެ މުވައްޒަފުންތަކެއް ވަނީ އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްގެ އިންޓާނަލް އޮޑިޓުން ދަނީ މި މައްސަލަ ބަލަމުންނެވެ. ނަމަވެސް ޚިޔާނާތުގެ އަގު ސާފުވާ ގޮތެއް ނުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ބޭންކުގެ އެތެރެއިން ހިނގާފާނެ ނުރަނގަޅު ކަންތައްތަކާއި އިހުމާލުތައް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލުތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ޚިޔާނަތެއްގެ މައްސަލަ ބަލާކަމެއް ދޮގެއް ނުކުރައްވައެވެ.
"އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފުކަމެއްކޮށްފިނަމަ ތަހްގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހްގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ،" ސައީދު ވިދާޅުވިއެވެ.