14 Jan 2019, 15:08
ރައްޔިތުންގެ މަޖިލީހަކީ މުއްސދަނދިވާން ވަންނަ ތަނެއް ނޫން ކަމަށާއި މަޖިލީހަށް ވަންނަ ދުވަހު ނޫން އަނެއް ދުވަހު ބޮޑު ވިޔަފާރިއެއް ފައްޓައި އަދި ގެސްޓްހައުސް ހުޅުވުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ގޮވާލައްވައިފި އެވެ.
އެމްޑީޕީ ޕްރައިމެރީ އިވެންޓެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހަށް ވަންނަނީ ގާނޫނުތައް ހަދައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ.
"އަޅުގަނޑު ވަރަށް އެދެން މަޖިލިސް އަށް ވަންނަ ދުވަހު ނޫން އަނެއް ދުވަހު ރިސޯޓެއް ހަދަން ނޫޅުން. ގެސްޓްހައުސްއެއް ހަދަން ނޫޅުން. އަދި އެހެންވެސް ވިޔަފާރިއެއް ކުރަން ވެސް ނޫޅުން." އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މުސާރަ ލިބޭނެ ކަމަށެވެ. އެއީ ވަރަށް ބޮޑު މުސާރައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ މުސާރައިން ދިރިނޫޅެވޭ ނަމަ މަޖިލީހުގެ މަސައްކަތް ނޫން މަސައްކަތެއް ކުރަން ވިސްނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އެލަވަންސުތަކާ އެކު މަހަކު 85،000 ރުފިޔާ ލިބި އެވެ.
ރައްޔިތުންގެ މަޖިލީހަށް ވަދެވުނީތީވެ ދަރިން އިނގިރޭސި ވިލާތަށް ކިޔަވަން ފޮނުވަން ނުޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ހަމަ އާދައިގެ އެމީހާ ދިރިއުޅެމުން އައި ދިރިއުޅުން މަޖިލިސް މެމްބަރުން ވެސް އުޅެމުން ދިޔުން އެއީ ވަރަށް ބޮޑު ބޭނުމެއް. މަޖިލީހަށް ރައްޔިތުން މި މެމްބަރުން އިންތިހާބު ކުރަނީ ރައްޔިތުންގެ މަސައްކަތް އެމީހާ ކުރުމަށް. އެމީހާގެ އަމިއްލަ މަސައްކަތް އެމީހާ ކުރުމަކަށެއް ނޫން." މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ ޕްރައިމެރީގައި ވާދަ ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަޖިލިސް މެމްބަރުންގެ ކިބައިގައި ހުންނަން ބޭނުންވާ ސިފަތައް އެމްޑީޕީން އަލުން ފާހަގަކުރަން ބޭނުންވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަކީ ގަދަރުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވާ ގޮތުން މި އަހަރު އިންތިހާބުކުރާ މަޖިލީސް ތަފާތުވާނެ އެވެ. އަދި އެ މަޖިލިސް އޮންނާނީ ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑު ވެސް އިރާދަކުރެއްވިއްޔާ އެ މަޖިލީހުގައި އިންނާނަން. އަޅުގަނޑަށް އެނގޭނެ ވައްކަން ކުރަންޏާ. އަޅުގަނޑަށް އެނގޭނެ ވޯޓު ވިއްކަންޏާ. އަޅުގަނޑަށް އެނގޭނެ ޕާޓީ ބަދަލުކުރަން އުޅެންޏާ. އަޅުގަނޑަށް އެނގޭނެ އެކަންކަން ހުއްޓުވަން ވެސް." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުން އެމްޑީޕީގައި ހިފެހެއްޓޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ސަރުކާރުގައި ނެތް އިރު ވެސް ހިފެއްޓުނު ކަމަށާއި ހާއްސަކޮށް އެމަނިކުފާނު މަޖިލީހުގައި އިންނަވާ އިރު ހިތަށް އަރާހާ ގޮތެއް މަޖިލީހަށް ވެގެން ނުދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމެރީ އޮންނަނީ ފެށޭ ހުކުރު ދުވަހު އެވެ. މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނީ އޭޕްރީލް ހަ އެއްގަ އެވެ.