05 Oct 2011, 09:41
ސްޓޮކްހަމް (އޮކްޓޯބަރ 5) : ފިޒްކްސްގެ ދާއިރާއިން 2011 ވަނަ އަހަރު ދޭ ނޮބެލް އިނާމް އެސްޓްރޯފިޒިކްސްގެ ރޮނގުން ބޮޑެތި ހޯދުންތަކެއް ހޯދި ތިން ސައެންސް ވެރިއަކަށް ދިނުމަށް ހަމަޖައްސައިފި އެވެ.
މި ތިން ސައެންސް ވެރިންނަކީ އެމެރިކާގެ ދެމީހުން ކަމަށްވާ ސޯލް ބިލްޓެމޯރ އާއި އެޑަމް ރީސް އާއި އޮސްޓްރޭލިޔާގެ ބްރިޔާން ސްމިތް އެވެ. މި ތިން ސައެންސް ވެރިންނަކީވެސް ކަވްނުގައިވާ ބޮޑެތި ތަރިތައް (ސްޕަރނޯވާ) އެތަށް ހާސް އަލިއަހަރެއްގެ ދުރުގައި ގޮވަމުންދާ މަންޒަރު ބަލައި ދިރާސާކޮށް އެއިން ޢިލްމީ ތަޖްރިބާތައް ޙާސިލްކުރުމުގައި ގިނަވަގުތަކެއް ހޭދަކޮށް ބުރަމަސައްކަތްތަކެއް ކުރަމުން ގެންދިޔަ 3 ސައެންސް ވެރިންނެވެ.
މި ދިރާސާތަކުގެ އަލިގައި މި ތިން ސައެންސްވެރިން އެކުލަވާލި ތިޔަރީ ބުނާގޮތުން މީގެ 14 ބިލިޔަން އަހަރުކުރިން ކަވްނުގައި ހިނގި ކަމަށްބުނާ ބޮޑު ގޮވުން (ބިގް ބޭންގ) އަށްފަހު ކަވްނުދަނީ ބޮޑުވެ ފުޅާވަމުންނެވެ. ކުރިން އެސްޓްރޯފިޒިކްސްގެ ޢިލްމުވެރިން ހީކުރަމުން ގެންދިޔައީ މިއާ ދިމާއިދިކޮޅަށެވެ. އެއީ ބިމުގެ ގްރެވިޓީ ބާރުގެ ސަބަބުން ކަވްނު ބޮޑުވެ ފުޅާވުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
މެޑިސިންގެ ދާއިރާއިން މި އަހަރުގެ ނޮބެލްއިނާމްވެސް ލިބުނީ އިމުއުނިޓީގެ ރޮނގުން ދރާސާކޮށް ނަތީޖާތަކެއް ހޯއްދެވި 3 ސައެންސްވެރިއަކަށެވެ. އެއީ އެއީ އެމެރިކާ މީހަކަށާއި ރަޝިޔާ މީހަކަށާ އަދި ލެކްސަންބާރގް މީހަކަށެވެ. މިއަހަރުގެ ނޮބެލްއިނާމްތައް ދިނުން އޮންނާނީ އަންނަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު ސްވިޑްގެ ވެރިރަށް ސްޓޮކްހޮމްގައެވެ. (ނޫސްއެޖެންސީތައް)