ހަތް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މަޝްހޫރު ބޮޑީބިލްޑަރު، ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ދޫކޮށްލައިފި އެވެ.

ގައުމީ އިނާމު ހޯދައިފައިވާ ޝާންޓޭ ދިރިއުޅޭ އެޕާޓްމަންޓް އިން، މަސްތުވާތަކެއްޗާ އެކު އޭނާ ހައްޔަރުކޮށްފައި ވާނީ މިދިޔަ މަހު ތިން ވަނަ ދުވަހު އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އޭނާ ދުކޮށްލައިފައި ވަނީ ކްރިމިނަލް ކޯޓަށް ބަންދާ މެދު ގޮތެއް ނިންމުމަށް ގެންދިޔުމުން އެ ކޯޓުން ކަމަށެވެ.

އެނާގެ ބަންދާ މެދު ގޮތެއް ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އެވެ.

ޝާންޓޭ ވަނީ، ގައުމީ އިނާމުގެ އިތުރުން 2017 ވަނަ އަހަރު އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެލް ހޯދައިދީފަ އެވެ. މިސްޓާ މޯލްޑިވްސް އާއި އަދި ވެސް އެހެނިހެން ކާމިޔާބުތައް އޭނާ ވަނީ ހޯދައިފަ އެވެ.