05 Oct 2011, 09:04
ނިޔުޔޯކް (އޮކްޓޯބަރ 5) : ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މުޒާހަރާތަކާ ގުޅިގެން ސޫރިޔާ ސަރުކާރުން ބާރުގެބޭނުންކޮށް މީހުން މަރަމުން ގެންދާ މައްސަލާގައި އެޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުދޭ ޤާރާރަކާ ދެކޮޅަށް ރަޝިޔާއާއި ޗައިނާއިން ސަލާމަތީ މަޖިލީހުގައި ވީޓޯކޮށްފިއެވެ.
ވީޓޯގެ ބޭނުންކޮށް ހުޅަނގުގެ މިޤަރާރު ފެންކޮށްލުމަށްފަހު ރަޝިޔާއާއި ޗައިނާގެ މަންދޫބުން ވިދާޅުވީ ހުޅަނގުގެ ޤަރާރު ވީޓޯކުރަންޖެހުނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މުޒާހަރާތަކާ ގުޅިގެން ސޫރިޔާ ސަރުކާރުން ބާރުގެބޭނުންކޮށް މީހުން މަރަމުން ގެންދާދިޔުމަށް ތާއީދުކުރާތީ ނޫންކަމަށާއި މިޤަރާރުގެ ސަބަބުން ބޭރުގެ ބާރުތައް ސޫރިޔާއަށް ވަދެގަނެ ސޫރިޔާގައި ލީބިޔާގައި ކަންތައް ދިޔަގޮތަށް ސޫރިޔާގައިވެސް އަހްލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އޮތުމުން ކަމުގައެވެ.
މިފަދަ ޤަރާރެއް ފާސްކޮށްފިނަމަ ކޮންމެވެސް ބަހަނާއެއްގައި ނޭޓޯއިން ސޫރިޔާއަށްވަދެ ނޫނީ ސޫރިޔާއަށް ބޮންއެޅުންފަދަ ޢަމަލެއް ހިންގަފާނެ ކަމުގެ ބިރުއޮތުމުން ވޯޓޯކުރީ ކަމަށާއި ލީބިޔާގައި ކަންތައްވެގެންދިޔަ ގޮތަށް ހަނގުރާމައެއްގެ ތެރެއަށްވެއްޓި މުޅިޤައުމު ހަލާކުވެ އެތަށްލައްކަބަޔަކު މަރުވުމަށް މަގުފަހިވެގެންދިޔުން ސޫރިޔާގެ މިހާރުގެ ޙާލަތަށްވުރެ މާގޯސްވާނެ ކަމަށްވެސް ރަޝިޔާއާއި ޗައިނާގެ މަންދޫބުން ވިދާޅުވި އެވެ.
އެމެރިކާއާއި ޔޫރަޕްގެ ހުށަހެޅުމަކާ ގޮންޖަހައި ރަޝިޔާއާއި ޗައިނާއިން ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބޭނުންކުރަމަކީ ވަރަށް ނާދިރު ކަމެކެވެ. ރަޝިޔާއާއި ޗައިނާއިން ހުޅަނގާ ދެކޮޅަށް ގޮންޖަހައި ބާރުދައްކާލުމަކީ ބައިނަލްއަޤްވާމީ މަސްރަހުގައި އެމެރިކާއާއި ޔޫރަޕްގެ ބާރާއި ނުފޫޒު ހިނަރުވެގެންދާ މިންވަރު ކަމަށް ތަޖްރިބާކާރުން ދެކެއެވެ. އިޤްތިސާދީ ގޮތުންނާއި މާލީގޮތުން ބަލިކަށި ޙާލަތަކަށް ގޮސްފައިވާ އެމެރިކާއާއި ޔޫރަޕަށް ރަޝިޔާއާއި ޗައިނާއިން ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި ގޮންޖެހުމަކީ ދުނިޔޭގެ ބާރުގެ ތިލަފަތަށް ބަދަލު އަންނަން ފަށާފައިވާ ކަމުގެ ހެއްކެތް ކަމަށް މުޙައްލިލުން ސިފަކުރައްވައެވެ.
މިމައްސަލާގައި މާޔޫސްވެފައިވާ އެމެރިކާ އާއި ޔޫރަޕްވަނީ ރަޝިޔާ އާއި ޗައިނާ ޢަމަލުކުރިގޮތުން ދެރަވާކަން ހާމަކޮށްފަ އެވެ. (އަލްޖަޒީރާ)